ޚަބަރު

ޓީޗަރުންނާއި ދަރިވަރުން، އަވަހަށް އެމީހަކު ދިރިއުޅޭ ރަށަކަށްދާން އެދިއްޖެ


ކޯވިޑްގެ ސަބަބުން ސްކޫލްތަކުގެ ކިޔެވުމަށް އަތުވެދާނެ ލޮޅުމަކުން ސަމާލްވުމަށް ޗުއްޓީގައިތިބި ޓީޗަރުންނާއި ދަރިވަރުން ވީ އެންމެއަވަހަކަށް އެބަޔަކު ދިރިއުޅެމުންދާ ރަށަކަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ.

އެމިނިސްޓްރީން މިގޮތަށް އެދިފައި މިވަނީ މިދުވަސްވަރު ކޯވިޑްގެ ކޭސްތައް އިތުރުވަމުންދާތީއެވެ. ޚާއްސަކޮށް، މާލެ ސަރަޙައްދުގައި ކޯވިޑް ފެތުރޭ މިންވަރު އިތުތުވެ ނުރައްކަލާ ކުރިމަތިވެފައިވާތީ ދަރިވަރުންގެ ކިޔެވުމަށް ކުރިމަތިވެދާނެ ހީނަރުކަން ކުޑަކުރުމަށް މަސައްކަތް ކުރަން އެމިނިސްޓްރީންވަނީ އެދިފައެވެ.

ކޯވިޑްގެ ޙަލަތާ ގުޅިގެން އެތަށް ފަހަރެއްގެ މަތިން، ދަރިވަރުން ސްކޫލްތަކަށް ހާޒިރުކޮށްގެން ކިޔެވައިދިނުން ހުއްޓާލަން ޖެހުނެވެ. އަދި ދަރިވަރުން ގޭގައި ބައިތިއްބައިގެން އޮންލައިންކޮށް ކިޔަވައިދިނުންވީ ދަރިވަރުންނާއި ބެލެވެރިން އަދި ޓީޗަރުންނަށްވެސް ބޮޑެތި ދަތިތަކާ ކުރިމަތިވިކަމަށެވެ. އޮންލައިންކޮށް ކިޔަވައިދިނުން އަހަރެއްހާ ދުވަހަށް ކުރިއަށްގެންދިޔުމަށްފަހު، ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭން ފެށީ މިދިޔަ އަހަރުގެ މެދުތެރޭގައި ފެށި ދިރާސީ އާ އަހަރާއެކުއެވެ.

ކިޔަވައިިދިނުން ފަށާފައިވަނީ، އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކުއެވެ.

ފުރަތަމަ ޓާމުގެ ބަންދާދިމާކޮށް، ގިނަ ބަޔަކުދަނީ މާލެއާއި އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށްވެސް ދަތުރުކުރަމުންނެވެ. ޗުއްޓީއަށްފަހު ސްކޫލް ހުޅުވެން ހަފްތާއަކަށް ވެފައިވާއިރު، ކޯވިޑް ބަލީގެ ކޭސްތައް ފެންނަ މިންވަރު އަނެއްކާވެސް މިދަނީ ރިކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. ބަލިޖެހޭ މިންވަރު އިތުރުވަމުންދާތީ، އެޗްޕީއޭއިންވެސްވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މިހާރު މިވަނީ ސްކޫލް ހުޅުވޭ ތާރީޚާ ކައިރިކޮށް، ދިރިއުޅޭ ރަށަށް ދިއުމުގެ ބަދަލުގައި ވީހާވެސް އަވަހަށް އެރަށަކަށް ގޮސް ސްކޫލްގެ ކިޔެވުމުގެ ކަންކަމަށް ތައްޔާރުވުމަށް އެދިފައެވެ.

އެޗްޕީއޭއިން އަންގަވާފައިވަނީ މާލެއިން އަތޮޅުތަކަށް ދަތުރުކުރާ އެންމެންވެސް ކޯވިޑް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުން ދަތުރުކުރުމަށެވެ. އަދި ވެކްސިން ނުޖަހާ މީހުން ރަށަށް ދަތުރުކޮށް، 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހެއެވެ. މީގެތެރޭގައި ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުދިން ނުހިމެނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީންވަނީ، އެޗްޕީއޭގެ މި އުސޫލާ އެއްގޮތަށް ޢަމަލު ކުރުމަށް އެންމެހައިފަރާތްތަކަކަށް އިލްތިމާސްކޮށްފައެވެ. ރަށްރަށަށް އަވަހަށް ދިއުމަށް އަންގާފައިވަނީ، ކަރަންޓީނުވާންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ދަރިވަރުންގެ ކިޔެވުމަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށެވެ.