ވިޔަފާރި

ބީއެމްއެލްއިން ކުރެންދޫގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ފަށައިފި


ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ޅ. ކުރެންދޫގައި ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

ބީއެމްއެލުން ބުނީ މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ޅ.އަތޮޅުގެ ނައިފަރުގައި ބްރާންޗާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް ބީއެމްއެލްއިން އަންނަނީ ޚިދުމަތް ދެމުންނެވެ. މީގެއިތުރުން ހިންނަވަރުގައިވެސް ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ބީއެމްއެލް ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ވިދާޅުވީ މި އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި ބޭންކިންގ ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 77 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭންކުން ހާމަކުރެއެވެ.