ޚަބަރު

މިއަދާއި މާދަމާ ރަށްތަކަށް ދަތުރުކުރާ ފަރާތްތަކަށް ލުޔެއް!


ކޯވިޑް ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިއަދާއި މާދަމާ ރަށްރަށަށް ދަތުރުކުރާ މީހުންނަށް ލުއިގޮތްތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސަވައިފިއެވެ.

ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސާދީފައިވަނީ މިއަދުން ފެށިގެން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މާލެ ސަރަހައްދަކީ ބަލީގެ ނުރައްކާ އެންމެ ބޮޑަށް އޮތް ސަރަހައްދަށްވުމުން، މާލެއިން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރު ކުރާ މީހުން ޕީސީއާރް ޓެސްޓު ހެދުމާއި، ވެކްސިން ނުޖަހާ މީހުން ކަރަންޓީން ވާންޖެހޭ އުސޫލު ކަނޑައެޅި ނަމަވެސް، މިއަދާއި މާދަމާއަށް ވަނީ ލުއިގޮތްތަކެއް ފަހިކޮށްދީފައެވެ.

މާލެއިން ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކަށް ތިރީގައިވާ ގޮތްތައް ޚިޔާރު ކުރެވޭނެ:

1. މާލެއިން ސާމްޕަލްއެއް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީންގައި ހުރުން.
2. ރަށަށް ދަތުރުކޮށް، ރަށުން ސާމްޕަލް ނަގާ ޓެސްޓްކުރުމަށްފަހު، ޓެސްޓް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުން.

އެޗްޕީއޭއިން ކަނޑައަޅާފައިވާ މުއްދަތުގެ ފަހުން ދަތުރު ކުރާ ފަރާތްތަކަށް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

އެގޮތުން:

1. ވެކްސިންގެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ މީހުން، ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރުން.
2. ވެކްސިންގެ ޑޮޒް ފުރިހަމަ ނުވާ ނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީން ފުރިހަމަކުރުން. ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށްފު ޕީސީއާރް ޓެސްޓް ހަދާ، ނަތީޖާ ނެގެޓިވް ވުމުން. މީގެތެރޭގައި މިފަދަ މީހުންނާއެކު ދަތުރުކުރާ، ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނިހިމެނޭ.
3. މާލޭ ސަރަޙައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ މީހުން "ކޮވިޑް ސޭފް" ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދެއްކުމަށް ފަހުގައި ދަތުރުކުރުން. އަދި ކަރަންޓީންވުމަށް ދަތުރުކުރާ ފަރާތްތަކުން "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ހޯދައިގެން ދަތުރުކުރުން.

މީގެކުރިން ޢަމަލު ކުރަމުން އައި އުސޫލަކީ ވަކި އިންސައްތައަކަށް ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކަށް، އިތުރު ހުއްދައާއި އަދި ޕީސީއާރް ޓެސްޓު ހެދުމާއި ނުލާ ދަތުރުކުރެވޭ އުސޫލެވެ.

ނަމަވެސް ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ އަތޮޅުތަކުން ކޯވިޑް ކޭސް ފެންނަ މިންވަރު އިތުރުވަމުންދާތީއެވެ. ވޭތުވެދިޔަ 4 ވަރަކަށް މަސްދުވަހު، ގިނަ ކޭސްތަކެއް ރިޕޯޓްކުރަމުން ދިޔައީ އަތޮޅުތަކުގެ ރަށްތަކުންނެވެ. އަދި 7 ރަށެއް މިވަގުތު މޮނިޓަރިންގައި އެބައޮތެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ޓެސްޓުކުރާ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވާ ނިސްބަތް މިވަގުތު ހުރީ %5އިން މަތީގައެވެ.