ކުޅިވަރު

ޔޫވީ ބަލިކޮށް މާޒިޔާއިން ޕްރެޒިޑެންޓްސް ކަޕް ފައިނަލްގެ އުއްމީދުގައި!


ޕްރެޒިޑެންޓްސް ކަޕްގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ)ގެ ހެޓްރިކާއެކު މާޒިޔާއިން މުބާރާތުގެ ފައިނަލާއި ގާތަށް ޖެހިލައިފިއެވެ.

މާޒިޔާއިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލާއި ގާތަށް ޖެހިލާފައިވަނީ ޔުނައިޓަޑް ވިކްޓްރީގެ މައްޗަށް 4 ލަނޑު 0 ލަނޑުން ކުރި ހޯދައިގެންނެވެ. ޕްރެޒިޑެންޓްސް ކަޕް ލީގް ބުރުގެ އެއްވަނައިގައިވާ މާޒިޔާ އާއި ދެވަނައިގައިވާ ކުލަބް ވެލެންސިޔާއަށްވެސް 15 ޕޮއިންޓް ލިބިފައިވެއެވެ. ނަމަވެސް ގޯލްގެ ތަފާތުން އެއްވަނަ ލިބެނީ މާޒިޔާއަށެވެ.

ޔުނައިޓަޑް ވިކްޓްރީން މިމެޗަށް ނިކުމެފައިވަނީ ބަދަލްތަކަކާއެކުއެވެ. މެޗް ފެށިގެން މާޒިޔާއިން ދިޔައީ ޔޫވީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗްގައި މާޒިޔާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، އެޓީމުން ބޮޑަށް ކުޅެފައިވަނީވެސް ޔޫވީގެ ހާފްގެ ތެރޭގައެވެ. މެޗްގެ ވަރަށް ކުރީގެ ކޮޅުގައި މާޒިޔާއަށް ލީޑް ނަގައިދޭން އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)އަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ގޯލްގެ ރޮނގުމަތިން ކަހަލަގޮތަކަށް އެބޯޅަ ޔޫވީގެ ޑިފެންޑަރު އާދިލް އަބްދުއްރަހުމާން ވަނީ ދިފާޢުކޮށްފައެވެ.

މެޗްގައި މާޒިޔާއަށް ލީޑް ނަގައިދިނީ، މެޗްގެ 10 ވަނަ މިނެޓްގައި ކޯނޭއެވެ. މެޗް ކޮންޓްރޯލްކޮށްގެން މާޒިޔާއިން ކުޅުނު ނަމަވެސް ޔުނައިޓަޑް ވިކްޓްރީއިންވެސް މާޒިޔާގެ ގޯލަށް ނުރައްކާ ކުރިއެވެ. އެގޮތުން ގޯލެއް ޖެހުމަށް ޔޫވީއަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އިލްހާނަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

މާޒިޔާއިން ލީޑް ފުޅާކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން އެޓީމުގެ ހަމްޒާ މުހައްމަދާއި ކެޕްޓަން އަސަދުﷲ ޢަބްދުﷲއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗްގެ ދެވަނަ ހާފްގައި ކުޅުންފެށިގެން މިނެޓެއްވެސް ނުވަނީސް މާޒިޔާއިން ވަނީ އެޓީމުގެ ދެވަނަ ގޯލް ޖާހައި ލީޑް ފުޅާކޮށްފައެވެ. މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ވަހީދު ހަސަންއެވެ. އަދި ކުޑައިރުކޮޅެއްފަހުން އިއްބެ ވަނީ މާޒިޔާގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މިމެޗްގައި މޮޅު ކުޅުމެއް ފެނިގެންދިޔަ އިއްބެ ވަނީ މެޗްގެ 72ވަނަ މިނެޓްގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އަށް ބާކީ އޮތީ 2 މެޗެވެ. އެއީ ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ މެޗެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގެ ޖާގަ ލިބެނީ ފުރަތަމަ ޑިވިޝަނުގެ 8 ޓީމު ލީގު ބުރެއް ކުޅެގެން އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމަށެވެ.