ޚަބަރު

ކޯވިޑާއި ގުޅިގެން މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި


މާލޭ ސަރަޙައްދުގައި ކޮވީޑް ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާތީ، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އަންގައިފިއެވެ.

މާލޭ ސަރަޙައްދުގައި އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންތަކާއި އެއްވުންތައް ބޭއްވުން މަނާކުރުން ހިމެނެއެވެ. އަދި 50 މީހުންނަށްވުރެ މަދު މީހުން ހިމަނައިގެން ބާއްވާ މިފަދަ ހަރަކާތްތައްވެސް އެޗްޕީއޭގެ ގައިޑްލައިނާ މިންގަނޑުތަކާ އެއްގޮތައް ނޫނީ ނުބޭއްވުމަށް ވަނީ އަންގާފައެވެ.

މާލެ ސަރަޙައްދުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީ ބާޒާރުފަދަ، އެއްވެގެން ބާއްވާ ވިޔަފާރި ހަރަކާތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ކުޅިވަރު މުބާރާތްތަކާ ހަރަކާތްތައް، ކުޅިބަލަން މީހުންނަށް ވަދެވޭގޮތަށް ނުބޭއްވުމަށްވެސް އަންގާފައެވެ.

އެޗްޕީއޭއިން ވަނީ މި ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒްކުރުމަށް އެންމެހާ އިދާރާތަކާ ފަރާތްތަކަށް އަންގާފައެވެ. މި ނިންމުންތަކާ ގުޅިގެން ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތަކާ، އަދި އަޅާ ފިޔަވަޅުތަކާ ދޭ އިރުޝާދުތަކަށް ޢަމަލުކުރުމަށްވެސް ވަނީ އަންގާފައެވެ.

އެޗްޕީއޭއިން ބުނީ މި ފިޔަވަޅުތަކަކީ "އޮމިކްރޯން" ވޭރިއަންޓް ރާއްޖެއިން ފެނިފައިވާތީއާއި، މާލެ ސަރަޙައްދުގައި ބަލި ފެތުރުން އިތުރުވެފައިވާތީ "ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު"ގެ ދަށުން އަޅާ ފިޔަވަޅުތަކެއްކަމަށެވެ.

މާލެ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ނަގާ ސާމްޕަލްގެ، 5 އިންސައްތަ އަށްވުރެ ގިނަ ސާމްޕަލް ބައްޔަށް ޕޮޒިޓިވްވަމުންދާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއާއެކު މާލެއިން އަތޮޅުތަކަށް ދަތުރުކުރުމުގެ އުސޫލުވެސް މިހާރުވަނީ ވަރުގަދަކޮށްފައެވެ. އަދި މާލޭގައި މަގުމައްޗަށް ނިކުންނައިރު މާސްކް އެޅުން މަޖުބޫރުކޮށް، އުސޫލު ތަންފީޒް ކުރެތޯބެލުމަށް ފުލުހުންވެސް ވަނީ މަސައްކަތް ފަށާފައެވެ.

ވޭތުވެދިޔަ 4 ވަރަކަށް މަސްދުވަހު މާލެ ސަރަޙައްދުން ފެނުނު ކޯވިޑް ކޭސްތައް މަދުނަމަވެސް މި އަދަދު، އަތޮޅުތަކޭ އެއްގޮތަށް މާލޭގައިވެސް މިހާރުވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. އަދި ވޭތުވެދިޔަ 3 ދުވަހުވެސް މާލެ ސަރަޙައްދުން ރިޕޯޓްކުރި ކޭސްތަކުގެ އަދަދު ހުރީ 100 އިން މަތީގައެވެ.