ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުން ތަމްރީންކޮށް ސެޓިފައިކުރުމުގެ މަސައްކަތްފަށައިފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން މިމަސައްކަތް ޙަވާލުކޮށްފައިވަނީ އޭޖް ކެއަރ މޯލްޑިވްސްއާއެވެ. މިނިސްޓްރީއިން މިމަސައްކަތް ބަޔަކާ ޙަވާލުކޮށްފައިވާއިރު މިހާތަނަށް މަރުކަޒުގައި ތިބި މުވައްޒަފުން، ބަލި މީހުން ބެލުމަށް ފުރިހަމަކުރަންޖެހޭ ތަމްރީންތަކެއް ހަދާފައި ނެތްކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ މިއާއެކު މަރުކަޒުގައި ތިބި އުމުރުން ދުވަސްވީ މީހުނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެކަމަށެވެ. އަދި ޚިދުމަތްކުރަން ތިބި މުވައްޒަފުންނަށް މަސައްކަތުގެ ލޯޑު މެނޭޖްކުރާނެގޮތާއި ބަލި މީހުންނަށް އަޅާލާނެ ގޮތްތައް މިހާރަށްވުރެ ރަނގަޅަށް ޕްރޮފެޝަނަލް މީހުންގެ އެހީއާއެކު ލިބިގެންދިޔުމަކީ މުޅި ދާއިރާއަށް ލިބޭ އިތުރުކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ޢައިޝާ ފާހަގަކުރެއްވިއެވެ.
ގުރައިދޫ މަރުކަޒުގައި ތިބި މީހުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެފަރާތްތަކަށް ހިތްހަމަޖެހޭ މާޙައުލެއް ޤާއިމުކޮށްދީ އެކަން ކަށަވަރުކުރުމަށް އެއް އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ މިޕްރޮގްރާމްގެ ތެރެއިން މުވައްޒަފުންގެ ހުނަރު އިތުރުކޮށް ކޮންމެ 4 މަހަކުން އެއްފަހަރު ތަމްރީންތައް ހިންގުމަށްވަނީ ހަމަޖެހިފައިކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާ މަޝްވަރާކޮށް ފިޒިއޮތެރަޕީއާއި ކަސްރަތުގެ ޙަރަކާތްތަކާއި އިތުރު ޙަރަކާތްތައް ގަވާއިދުން ތާވަލެއްގެ ދަށުން ހިންގުމުގައި އެހީތެރިވުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޑައިޓީޝަނެއްގެ އެހީއާއެކު ސިއްޙަތަށް ފައިދާ ހުރިގޮތުގައި ކެއުމާއި އިތުރު ޙަރަކާތްތައް ހިންގާނެގޮތް ރާވައި އިންތިޒާމުކުރުމާއި ކޮންމެ 3 މަހަކުން ރިވިއުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.