ޚަބަރު

ތިނަދޫގައި 10 ހެކްޓަރުގެ ބިން ހިއްކަނީ


ގދ.ތިނަދޫގައި 10 ހެކްޓަރުގެ ބިންހިއްކުމަށް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިމަޝްރޫޢު އެމްޓީސީސީއާ މިމަޝްރޫޢު ޙަވާލުކޮށްފައިވަނީ 660 ދުވަހުގެ ތެރޭގައި ނިންމާ ޙަވާލުކުރާގޮތަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ގދ.ތިނަދޫގައި 10 ހެކްޓަރުގެ ބިން ހިއްކުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. ދައުލަތުގެ ބަޖެޓުން 125 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢަކީ ތިނަދޫ އިންޑަސްޓްރިއަލް ޒޯން ތަރައްޤީކުރުމަށް ސަރުކާރުން ހިއްކާ ބިމެވެ. މިމަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 660 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ހައުސިންގ މިނިސްޓްރީން ހާމަކުރައްވާފައިވާގޮތުގައި މިމަޝްރޫޢުގެ ދަށުން ތިނަދޫގައި 10 ހެކްޓަރުގެ ބިން ހިއްކައި 1336 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓުޖަހުމަށްވަނީ ހަމަޖެހިފައެވެ. އަދި 284 މީޓަރުގެ އެއްގަމު ތޮއްޓެއްލައި 116 މީޓަރު ދިގު ކޮންކްރީޓް ބްރިޖެއް ހަދަންވެސްވަނީ ހަމަޖެހިފައެވެ.
ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޠަލްހަތެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީން މަސައްކަތްކުރާނީ ރައްޔިތުން ބޭނުންވާހެން ވީއެންމެ އަވަހަކަށް މިމަސައްކަތް ނިންމުމަށްކަމަށެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބިންހިއްކުމާއި އެކި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތާއި ފަޅު ފުންކޮށް ބަނދަރު ހެދުމާއި އެއަރޕޯޓު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ވޭތުވެދިޔަ އަހަރަކީ އެމްޓީސީސީގެ ތާރީޚުގައިވެސް ގިނަ މަސައްކަތްތަކެއް އެކުންފުނިން ކުރި އަހަރަކަށްވާއިރު ކުންފުނީގެ އަމާޒަކީ މަސައްކަތް ދެގުނަކުރުމަށެވެ.