ޚަބަރު

ވޯޓުލާ މީހުންގެ ލިސްޓުގައި މަރުވެފައިވާ 6 މީހަކު އޮތްކަމުގެ ޝަކުވާ!


ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި މަރުވެފައިވާ 6 މީހެއްގެ ނަން އޮތްކަމުގެ ޝަކުވާ ލިބި، ލިސްޓުން އެނަންތައް އުނިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ، އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ. އިންތިޚާބުގައި އެންމެ އިސްކަމެއް ދީގެން ކޮމިޝަނުން ބަލަހައްޓަމުންދާ އެއްކަމަކީ ވޯޓާސްލިސްޓުގެ ކަންތައްކަމަށެވެ. ކޮމިޝަނުން ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ހުށަހަޅާފައިވާ 6 ޝަކުވާއެއްކަމަށް ފުއާދު ވިދާޅުވިއެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވޭ 6 ޝަކުވާއެއް. އެއީ މަރުވެފައިވާ 6 މީހެއްގެ ނަން ލިސްޓުގައި އޮތުމުން. އަޅުގަނޑުމެން ވާނީ މިހާރު ޑިޕާޓްމަންޓްއޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް މިނަންތައް ފޮނުވައި، ލިސްޓުން އުނިކުރުމަށް އެދިފައި" ފުވާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އިންތިޚާބުތަކުގައި އިލެކްޝަނުން މިހާރު އަމަލު ކުރަމުންދަނީ، ސްޕްރީމް ކޯޓުން ނެރެފައިވާ ގައިޓްލައިނާއި އެއްގޮތަށް ކަމަށެވެ. ގައިޑްލައިންގައި ބުނާގޮތުން އިލެކްޝަނުން އަމަލުކުރާ ވޯޓާސް ލިސްޓަކީ، ނޭޝަނަލް ރަޖިސްޓްރޭޝަނުން ނެރޭ ލިސްޓަށްވުމުން، ލިސްޓުގައި އެއްވެސް މައްސަލައެއް އޮތްނަމަ އެކަން އެއިދާރާގައި އެދިގެން ހައްލު ކުރާނެކަމަށް ފުވާދު ވިދާޅުވިއެވެ.

އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރާނީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައިވެސް އަމަލު ކުރި ގޮތަށްކަމަށް ފުވާދު ވިދާޅުވިއެވެ. އެގޮތުން ވޯޓު ކަރުދާސް ޗާޕު ކުރުމާއި، މޮނިޓަރުން ކަނޑައެޅުމާއި، ވޯޓު ފޮށިތަކަށް ކަނޑައަޅާނީވެސް ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ކަނޑައެޅި ގޮތަށް ކަމަށް އެނާ ވިދާޅުވިއެވެ.

އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅޭނެ ގޮތަށް، އިލެކްޝަންސް ކޮމިޝަނުގައި ކޮމްޕްލެއިންސް ބިއުރޯއެއްވަނީ ގާއިމްކޮށްފައެވެ. އަދި ކޮމަންޑޫ ދާއިރާގެ ތިން ރަށުން ޝަކުވާ ހުށަހަޅަން އޮތްނަމަ އެރަށަކުން ޝަކުވާ ހުށަހެޅޭނެ ފޯކަލް ޕޮއިންޓްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. މިއިންތިޚާބަކީ އަމާން ކަމާއެކު ބޭއްވޭ އިންތިޚާބަށްހެދުމަށް ކޮމިޝަނުން ފުރިހަމައަށް ތައްތާރުވާނޭކަމަށް ފުވާދު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ކެނޑިޑޭޓުން ދަނީ ވާދަވެރި ކެމްޕެއިނެއް ކުރަމުންނެވެ. މިއިންތިޚާބުގައި ވާދަކުރަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓަކާއި، އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓެއްގެ އިތުރުން އެމްއެންޕީގެ ކެނޑިޑޭޓެކެވެ.