ޚަބަރު

އިދިކޮޅު އެއްވުންތަކުގައި ފުލުހުންނަށް ހަމަލަދީ، ދައުލަތުގެ މުދަލަށް ދަނީ ގެއްލުންދެމުން: ޕޮލިސް


އިދިކޮޅު ފަރާތްތަކުން މާލޭގައި މިހާރު ބާއްވަމުންދާ އެއްވުންތަކުގައި ފުލުހުންނަށް ހަމަލަދީ، ދައުލަތުގެ މުދަލަށް ދަނީ ގެއްލުންދެމުންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

މާލޭގައި މިހާރު ބާއްވަމުންދާ އެއްވުންތަކުގައި ފުލުހުން ބާރުގެ ބޭނުންކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ޢަމަލުކުރަމުންދާގޮތާމެދު ދެކެވޭ ވާހަތަކާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ މުޒާހަރާތަކާއި އެނޫން ވެސް ޙާލަތްތަކުގައި މީހުން ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކުރަނީ ޖިނާއީ އިޖުރާޢަތުގެ ގާނޫނާއި އެނޫންވެސް ޚާއްސަ ގާނޫނަކާ ގުޅޭ ކަމެއްނަމަ އެޤާނޫނަކާ އެއްގޮތަށް ކަމަށެވެ. މުޒާހަރާތަކާ އެނޫންވެސް ޙާލަތެއްގައި މީހުން ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރިވަނީ މީހަކު ހައްޔަރުކުރަން ކޮންމެހެން ޖެހިއްޖެނަމަ، ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މާލޭގައި ސިޔާސީ ޕާޓީއަކުން އިސްވެ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް އެއްވުންތަކެއް ބާއްވަމުންދާއިރު، މި އެއްވުންތަކުގައި، ޢާންމު ދަތުރުފަތުރަށް ދަތިކޮށް، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ބަސް، މާލޭގެ މަގުމަތިން ހުއްޓުވައި އަދި ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ތަކުރާރުކޮށް ހިތްވަރުދީ އެކަމަށް ގޮވާލަމުންދާކަން ފާހަގަކުރެވި އެފަދަ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެއްވުންތައް ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރުމުގައި އަމަލުކުރާ އުސޫލަކީ އެ ހާލަތާ އެއްވަރުގެ ނުވަތަ އެއަށްވުރެ ދަށް މިންގަނޑެއްގެ ބާރެއް ބޭނުންކުރުން ކަމަށާ، މިފަދަ އެއްވުންތަކުގައި ބައިވެރިވާ ބައެއް މީހުން ފުލުހުންނަށް ހަމަލަދީ، ދައުލަތުގެ މުދަލަށް ގެއްލުންދީ ހަދާކަންވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހިންގުމަށް ހުރަސް އެޅުމުގެ މަސައްކަތްވެސް މުޒާހަރާގެ ބައެއް ބައިވެރިން ކުރާކަން ވަނީ ފާހަގަކޮށްފައެވެ.

މީހަކު ހައްޔަރުކުރުމުގައި ނުވަތަ އެނޫންވެސް ކަމެއްގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއްވާނަމަ ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ހުށަހެޅުމުން އެކަން ފުލުހުން ބަލާނެ ކަމަށާ، އަދި ފުލުހުންގެ ޚިދުމަތާމެދު އެއްވެސް ޝަކުވާއެއްވާނަމަ ނެޝަނަލް އިންޓެގްރެޓީ ކޮމިޝަން ނުވަތަ ކަމާ ގުޅޭ މުއައްސަސާއަށް ހުށަހެޅުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ހަމައެހެންމެ އާންމު ރައްކާތެރިކަމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތުގައި ފުލުހުން ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން ފުލުހުން ވަނީ އާންމު ރައްޔިތުންނަށް ދެއްވާފައެވެ.