ޚަބަރު

ދެރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް 7 ކެންޑިޑޭޓުން


އަންނަމަހުގެ 5ވަނަ ދުވަހު 3 ރަށެއްގައި ބާއްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބަށް 7 ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ށ.ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަނާއެކު ބޭއްވުމަށް އިއުލާނުކުރި މިތިން އިންތިޚާބުގެ ތެރެއިން ހއ.ތަކަންދޫގައި އިންތިޚާބަކާ ނުލައި ވަނީ ކުރިމަތިލި ކެންޑިޑޭޓް ހޮވިފައެވެ. ތަކަންދޫ ގޮޑިއަށް ކުރިމަތިލީ ހަމައެކަނި ކެންޑިޑޭޓަކީ އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެންޑިޑޭޓެކެވެ.

އެކިއެކި ސަބަބުތަކާހުރެ ގޮނޑިތައް ހުސްވުމާގުޅިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަން ބާއްވާ އަނެއް ދެރަށަކީ ތ،ވިލިފުއްޓާއި ގއ.ގެމަނަފުއްޓެވެ.

ވިލިފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓެކެވެ. ގެނަމަފުއްޓަށް 4 ކެންޑިޑޭޓަކު ވަނީ ކުރިމަތިލައްވާފައެވެ. މިގޮޑިއަށް އަމިއްލަ ގޮތުން 3 ކެންޑިޑޭޓަކު ވާދަކުރެއްވިއިރު، އަނެއް ކެންޑިޑޭޓު ކުރިމަތިލެއްވީ ޕީޕީއެމްއިންނެވެ.

މިއިންތިޚާބުތަކުގައިވެސް މޮނިޓަރުންނާއި، އޮބްޒާވަރުން ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު މިހާރުވަނީ ހަމަވެފައެވެ. އެކި ސަބަބުތަކާއިހެދި ހުސްވާ އަންހެނުންގެ ކޮމެޓީތަކުގެ ގޮޑިތަކަށް ކެނޑިޑޭޓުން ކުރިމަތިލެއްވުމަށް އެކަށީގެންވާ ތަރުހީބު ނުލިބޭތީ އިލެކްޝަން ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.