ޚަބަރު

5ޖީ ނެޓްވޯކުން ވައިގެ ދަތުރުތަކަށް ނުރައްކާ: އެމެރިކާގެ 50 އެއަރޕޯޓެއްގައި ބަފަރ ޒޯން ޤާއިމްކުރަނީ


އެމެރިކާގައި މި ޖަނަވަރީމަހު ދޫކުރުމަށް ހަމަޖެހިފައިވާ 5ޖީ ނެޓްވޯކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެކަމަށް ބެލެވޭ އެއަރޕޯޓުތަކުގައި ބަފަރ ޒޯން ޤާއިމުކުރަން ނިންމައިފިއެވެ.

އެމެރިކާގެ ނެޓްވޯކް ކުންފުނިތައް ކަމަށްވާ އޭ.ޓީ.އެންޑް.ޓީ އާއި ވެރައިޒަން އިން، މިހިނގާ ޖަނަވަރީމަހުގެ 19ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 5ޖީ ނެޓްވޯކް ޚިދުމަތުގެ ސަބަބުން ވައިގެ އުދުހުންތަކުގެ ސަލާމަތީ ކަންކަމަށް ބުރު އަރާނެކަމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.

ވައިގެ ދަތުރުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި 5ޖީ ނެޓްވޯކް ދޫކުރުން ފަސްކުރުމަށް އޭވިއޭޝަނާބެހޭ އިދާރާތަކުން ނެޓްވޯކް ކުންފުނިތަކުގައި އެދެމުންދަނިކޮށް، މިދިޔަ ހޯމަދުވަހު ދެ ނެޓްވޯކް ކުންފުނިންވެސް ވަނީ 50 އެއަރޕޯޓެއްގައި ބަފަރ ޒޯން ޤާއިމުކުރުމަށް އެއްބަސްވެފައެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން މިހާރު ވަނީ މި 50 އެއަރޕޯޓުގެ ނަން ހާމަކޮށްފައެވެ. އެ އިދާރާއިން ބުނީ މި ލިސްޓުގައި، 5ޖީ ނެޓްވޯކް ތަޢާރަފްކޮށްފައި ނުވާ ސަރަޙައްދުތަކުގެ އެއަރޕޯޓުތަކާއި، 5ޖީ ޓަވަރުތައް ރައްކާތެރި ދުރުމިނެއްގައި ހުރި އެއަރޕޯޓުތައް، ހިމަނާފައި ނުވާނެކަމަށެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނާއި، އޭވިއޭޝަން ދާއިރާގެ ހުރިހާ އިދާރާތަކުން ބުނާގޮތުގައި ސީ-ބޭންޑް ސްޕެކްޓްރަމްގައި 5ޖީ ނެޓްވޯކް ދޫކުރާ ޓަވަރުތަކުގެ ސަބަބުން މަތިންދާބޯޓުގެ އަލްޓިމީޓަރު ރާޑަރުތަކަށް މައްސަލަޖެހޭނެއެވެ. އަލްޓިމީޓަރު ރާޑަރަކީ ބޯޓު އުދުހޭ އުސްމިން ދެނެގަތުމަށް ހަރުކޮށްފައިވާ ސެންސަރުތަކެވެ. 5ޖީ ނެޓްވޯކުގެ ސަބަބުން މި ސެންސަރުތަކުން ނަގާ މަޢުލޫމާތުގެ ސައްޙަކަން ގެއްލުން ނުވަތަ ރާޑަރުތައް އެއްގޮތަކަށްވެސް މަސައްކަތް ނުކުރުމަކީ އެކަށީގެންވާ ޙާލަތްތައް ކަމަށް އިދާރާތަކުން ހާމަކުރެއެވެ.

އޭ.ޓީ.އެންޑް.ޓީ އާއި ވެރައިޒަން އިން ޖަނަވަރީމަހުގެ 5 ވަނަ ދުވަހު 5ޖީ ނެޓްވޯކު ދޫކުރަން މީގެކުރިން ނިންމާފައި އޮތްއިރު، މަތިންދާބޯޓުތައް ދަތުރުކުރާ ސަރަޙައްދުން ފެށިގެން ބާއްވަންޖެހޭ އެކްސްކްލޫސިވް ޒޯނުގެ ދުރުމިން ބައްވާފައެއް ނުވެއެވެ. މި ސަބަބާހުރެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން 5ޖީ ނެޓްވޯކް ދޫކުރުން ފަސްކުރުމަށް އެމެރިކާގެ ވައިގެ އުދުހުންތަކާބެހޭ އިދާރާތަކުން ދިޔައީ އެދެމުންނެވެ.

މި މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ވަނިކޮށް ނެޓްވޯރކް ކުންފުނިތަކުން ބުނީ 6 މަސްދުވަހުގެ މުއްދަތަށް އެއަރޕޯޓުތަކާ ކައިރި ސަރަޙައްދުތަކަށް ނެޓްވޯކް ދޫކުރުން ފަސްކުރެވިދާނެ ކަމަށެވެ. އެހެނިހެން ސަރަޙައްދުތަކުގައި މި ނެޓްވޯކު ދޫކުރުން ފަސްކުރުމަށް އެއްބަސްވެފައެއް ނުވެއެވެ.

އެމެރިކާގެ އެކި ސިޓީތަކަށް ނިޞްބަތްވާ 50 އެއަރޕޯޓެއްގައި ބަފަރު ޒޯން ޤާއިމުކުރި ނަމަވެސް، 5ޖީ ޚިދުމަތުގެ ސަބަބުން ލޯ-ވިސިބިލިޓީ ފްލައިޓުތަކަށް އަދިވެސް ނުރައްކާ އެބައޮތްކަމަށް އޭވިއޭޝަނާބެހޭ އިދާރާއިން ބުނެއެވެ. އެފަދަ ފްލައިޓުތައް ޑައިވާޓުކުރަން ޖެހުމާއި، ފުރުން ލަސްވުމާއި، ފްލައިޓް ކެންސަލްވުން ފަދަ މައްސަލަތައް އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.