އަފްޣާނިސްތާނުގެ ޠާލިބާނު ސަރުކާރުން ރަޝިޔާއަށް ކަނޑައެޅި އައު ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިޔާއިން ބަލައިގެންފިއެވެ. އެއާއެކު ރަޝިޔާ ވެގެން ގޮސްފައި ވަނީ ޠާލިބާން ސަރުކާރު ބަލައިގަންނަ ފުރަތަމަ ޤައުމަށެވެ.
ރަޝިޔާއިން ނެރުނު ބަޔާނެއްގައި ބުނީ އަފްޣާނިސްތާނާއެކު ގުޅުން ބަދަހިކުރުމުން ފަހި ފުރުޞަތުތަކެއް އޮތް ކަމަށް ރަޝިޔާއަށް ފެންނަ ކަމަށެވެ. އަދި ސަލާމަތާއި ނިރުބަވެެރިކަމާއި ޑްރަގާ ގުޅުންހުރި ކަންކަމުގައި އަފްޣާނިސްތާނަށް ރަޝިޔާއިން އެހީތެރިވުމުގައި ދެމިތިބޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން އަފްޣާނިސްތާނާއެކު ގުޅުން ބަދަހިކުރުމުން ވިޔަފާރިއާއި އިޤްތިޞާދީ ފުރުޞަތުތައް ފަހުވެގެންދާނެ ކަމަށް ދެކޭ ކަމަށާއި ޚާއްޞަކޮށް ހަކަތައާއި ދަތުރުފަތުރާއި ދަނޑުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާއިން ރަނގަޅު ފުރުޞަތުތައް ހުރި ކަމަށް ޤަބޫލުކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
“އަފްޣާނިސްތާނުގެ ސަރުކާރު ރަސްމީކޮށް ބަލައިގަތުމަކީ ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ހިތްވަރުލިބޭ ކަމަކަށް ވެގެންދާނެ،” އެ ބަޔާނުގައި ބުނެފައިވެއެވެ.
އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އާމިރު ޚާން މުއްތަޤީ ނެރުނު ބަޔާނެއްގައި ބުނީ ރަޝިޔާގެ ހިތްވަރުގަދަ ނިންމުން އެ ޤައުމުން ބަލައިގަނެ ޝުކުރުވެރިވާ ކަމަށާއި، އެ ނިންމުމަކީ އެހެން ޤައުމުތަކަށް މިސާލަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ރަޝިޔާގެ ނިންމުމުގެ ސަބަބުން ބައިނަލްއަޤްވާމީ ދުނިޔޭގައި އަފްޣާނިސްތާނު އެކަހެރިވެފައި އޮތް އޮތުމަށް ބަދަލު އަންނާނެ ކަމަށް އެ ޤައުމުން އުންމީދުކުރެއެވެ.
20 އަހަރުގެ ހަނގުރާމައަކަށް ފަހު އަފްޣާނިސްތާނުގެ މަސްރަހު ހަލަބޮލިކޮށްލައި އެ ޤައުމުގައި ތިބި އެމެރިކާގެ ސިފައިން ފޭބުމުން 2021ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޠާލިބާނުން ވަނީ އަފްޣާނިސްތާނުގެ ހިންގުމާ ޙަވާލުވެފައެވެ. އެ ސަރުކާރު މިހާތަނަށް އެއްވެސް ޤައުމަކުން ބަލައިގަނެފައި ނުވާއިރު ޗައިނާއާއި އެކުވެރި ޢަރަބި އިމާރާތާއި އުޒްބެކިސްތާނާއި ޕާކިސްތާނުން ވަނީ އަފްޣާނިސްތާނަށް ސަފީރުން ކަނޑައަޅައި، އަފްޣާނިސްތާނުގެ ސަރުކާރު ބަލައިގަތުމާ ގާތަށް ފިޔަވަޅުތަކެއް އަޅައިފައެވެ.
އަފްޣާނިސްތާނާއި ރަޝިޔާއާ ދެމެދު އޮންނަ ގުޅުން ތަރައްޤީކުރާ ގޮތް އެމެރިކާއިން ގާތުން ބަލާނެ ކަމަށް ބެލެވެއެވެ. އެމެރިކާއިން ވަނީ އަފްޣާނިސްތާނުގެ މަރުކަޒީ ބެންކުގައި ހުރި އަފްޣާނިސްތާނުގެ އެތައް ބިލިޔަން ޑޮލަރެއް ހިފަހައްޓައި ޠާލިބާނުގެ ބައެއް އިސްވެރިންނާ ދެކޮޅަށް ފިޔަވަޅުތައް އަޅައިފައެވެ. އޭގެ ސަބަބުން އަފްޣާނިސްތާނުގެ ބެންކު ނިޒާމު ވަނީ ބައިނަލްއަޤްވާމީ މާލީ ނިޒާމުން އެކަހެރިވެފައެވެ.