ޚަބަރު

އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކުލަ ބަދަލުކުރެވޭ ކާރެއް ބީއެމްޑަބްލިޔުއިން ތަޢާރަފްކޮށްފި


ފޯނު އެޕްލިކޭޝަނެއް ބޭނުންކޮށްގެން، ކުލަ ބަދަލުކުރެވޭ ކާރެއް، ބީއެމްޑަބްލިއުއިން ތަޢާރަފްކޮށްފިއެވެ.

މިދިޔަ ހަފްތާގައި ލަސްވޭގަސްގައި ކުރިޔަށް ގެންދިޔަ ކޮންސިއުމަރ އިލެކްޓްރޯނިކްސް ޝޯވ ގައި ބީއެމްޑަބްލިއުއިން އިފްތިތާޙުކުރި މި ކާރަށް ކިޔަނީ "ބީއެމްޑަބްލިއު އައި-އެކްސް ފްލޯ"އެވެ. މިއީ ދުނިޔޭގައި ކުލަ ބަދަލުކުރެވޭ ކާރެއް ނެރުނު ފުރަތަމަ ފަހަރެވެ.

މި ކާރުގައި ބޭނުންކޮށްފައިވަނީ ޢާއްމުކޮށް އީ-ރީޑަރުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް އިންކް ޓެކްނޮލޮޖީއެވެ. ކާރުގެ ބޭރުގައި ހުންނަ ޑިޒައިން ބަދަލުކުރުމަށްޓަކައި، ފޯނުގައި ހުންނަ އެޕެއް މެދުވެރިކޮށް ކަރަންޓު ސިގްނަލްތަކެއް ފޮނުވައިދެއެވެ. އެއާއެކު އަޅި ކުލާއާއި ހުދު ކުލަ ހިމެނޭ ތަފާތު ޕެޓާރންތަކުން، ކާރުގެ ޑިޒައިން ބަދަލުކޮށްދެއެވެ. މިގޮތަށް ޑިޒައިން ބަދަލުކުރުމަށް ކާރުން އިތުރު ހަކަތައެއް ބޭނުން ނުކުރާނެކަމަށް ބިއެމްޑަބްލިއު އިން ބެނެއެވެ.

ފުރަތަމަ ފަހަރަށް ކުލަ ބަދަލުކުރެވޭގޮތަށް ތަޢާރަފްކުރި މި ކާރުގެ ޓެކްނޮލޮޖީއާ ބެހޭގޮތުން ބީއެމްޑަބްލިއުގެ ރިސާރޗް އިންޖިނިއަރ ސްޓެލާ ކްލާރކް ބުނީ، މިކަމަށް ބޭނުންކޮށްފައިވަނީ ބޯ ކަރުދާހެއް ކަހަލަ މެޓީރިއަލްއެއް ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކަށްވީ މި މެޓީރިއަލް، ތްރީޑީ އެއްޗެއްގައި ބޭނުން ކުރުން ކަމަށް އޭނާ ބުންޏެވެ.

މި ޓެކްނޮލޮޖީގެ ބޭނުންހިފޭނެ ގޮތްތައް ކިޔައިދެމުން ސްޓެލާ ބުނީ ހޫނު ދުވަހެއްގައި ކާރުގެ ކުލަ ހުދު ކުލައަށް ބަދަލުކޮށްގެން އިރުގެ އަލި ރިފްލެކްޓު ކުރެވޭނެކަމަށެވެ. ބަނަކޮށް އޮންނަ ދުވަސްދުވަހު ކަޅު ކުލައަށް ބަދަލުކޮށްލައިގެން ހޫނު ދަމައިގަނެވޭނެކަމަށެވެ.

ކުރިއަށްއޮތް ތަނުގައި ފޯނު އެޕްގެ ބަދަލުގައި ކާރުގެ ޑޭޝްބޯޑުގައި ހުންނަ ބަޓަނަކުން، ނުވަތަ އަތުގެ ޢިޝާރާތުންވެސް ކާރުގެ ކުލަ ބަދަލުކުރެވޭ ގޮތަށް ހަދާނެކަމަށް ބީއެމްޑަބްލިއުއިން ބުނެއެވެ. މިހާރަށް ވުރެ ގިނަ ކުލަތައް މި ޓެކްނޮލޮޖީގައި ހިމެނުމަކީވެސް ބީއެމްޑަބްލިއުގެ ޢަމާޒެކެވެ.