ޚަބަރު

ނައިޓްމާކެޓް ބަންދުކުރަން އަނެއްކާވެސް އަންގައިފި


ނައިޓުމާކެޓް ބަންދުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މާލެ ސިޓީ ކައުސިލަށް އަނެއްކާވެސް އަންގައިފިއެވެ.

އެޗްޕީއޭއިން މިހެން އަންގާފައިވާއިރު ކޯވިޑް ފެތުރުން އިތުރުވުމާއި ގުޅިގެން މީގެ ކުރިންވެސް އެއެޖެންސީންވަނީ ނައިޓް މާކެޓް ބަންދުކުރުމަށް އެންގުމަށްފަހު އަލުން ކުރިއަށް ގެންދިޔުމަށްވެސް ހުއްދަދީފައެވެ. އެޗްޕީއޭއިން ވިދާޅުވީ މީހުން އެއްވެ އުޅުމާއި ތޮތްޖެހޭހެން ބާއްވާ އިވެންޓުތައް ނުބޭއްވުމަށް ބުދަ ދުވަހު އަންގާފައިވާކަމަށެވެ. މިއެންގުން އެންގިއިރު ނައިޓްމާކެޓް އިންތިޒާމުކުރާ ފަރާތުން ނައިޓްމާކެޓް އިންތިޒާމުކުރުމަށް ބޮޑު ޚަރަދެއްކޮށްފައިވާތީ އެކަމަށް ބެލުމަށްފަހު ފިހާރަތައް ހިންގުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ގައިދުރުކަން ކަށަވަރުކޮށް ނައިޓްމާކެޓް ކުރިއަށްގެންދިޔުމުގެ ހުއްދަ ދީފައިވަނީ ބުރާސްފަތި ދުވަހު ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހުކުރު ދުވަހު އެޗްޕީއޭއިން ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގައި ނައިޓް މާކެޓް ކުރިއަށްގެންދަނީ އުސޫލާ ޚިލާފަށްކަމަށް ފާހަގަވެފައިވާކަމަށެވެ. އެގޮތުން މީހުން ތޮތްޖެހި ގައިދުރުކަން ބެހެއްޓުމަކާ ނުލާ، މާސްކު އެޅުމަށް ސަމާލުކަމެއް ނުދީ ނައިޓްމާކެޓް ކުރިއަށް ގެންދާތީ ހުކުރު ދުވަހުން ފެށިގެން ނައިޓްމާކެޓް ކުރިއަށްނުގެންދިޔުމަށް މާލެ ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.


ކޯވިޑާ ގުޅިގެން ދޮޅު އަހަރެއްހާ ދުވަހު ނައިޓް މާކެޓްތައް ބޭއްވުން ހުއްޓާލާފައި އޮތުމަށްފަހު، ދާދިފަހުން ވަނީ ޖެހިޖެހިގެން ހަތަރު ނައިޓް މާކެޓް މާލެ ސިޓީގައި ބާއްވާފައެވެ. އެގޮތުން ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ދެ ނައިޓް މާކެޓް، ދަރުބާރުގޭގެ އިރުމަތީގައި އޮންނަ ހުސް ބިމުގައާއި ރަސްފަންނު ސަރަޙައްދުގައިވެސްވަނީ ނައިޓް މަރކެޓެއް ބާއްވާފައެވެ.

ރާއްޖޭގައި ކޯވިޑްގެ ކޭސްތައް މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް ކޭސްތައް އިތުރުވާން ފަށާފައިވަނީ އާއަހަރާއެކުގައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެވްރެޖްކޮށްވަނީ 200އިން މައްޗަށް އަރާފައެވެ. އަދި މާލެ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު 100 ދަށުގައި ހުންނަތާ ގިނަ މަސްތަކެއް ވުމަށްފަހު މިހާރުވަނީ 100އިން މައްޗަށް އަރާފައެވެ.