ޚަބަރު

މާސްކު އެޅުން ދޫކޮށްލުން އަދިވެސް ނުރައްކާ، ތަންފީޒްކުރޭތޯ ބެލުމަށް ފުލުހުން


ރާއްޖޭގައި ކޯވިޑް ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކް އެޅުން އަނެއްކާވެސް މަޖުބޫރުކޮށްފިއެވެ. ކޭސްތަކުގެ އަދަދު މަތިވެ ދުވާލަކު ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު 300އަށްވަނީ އަރާފައެވެ.

ސްކޫލް ޗުއްޓީއާ، އާ އަހަރު ދުވަސްވަރާ ގުޅިގެން، އަތޮޅުތަކާ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހަލުވިކަމާއެކު ފެތުރޭ ކޯވިޑްގެ ބާވަތްތައްވެސް ރާއްޖެއިން ވަނީ ފެނިފައެވެ.

އެޗްޕީއޭއިން ހާމަކުރާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ނިމުނު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބާރުމިނެއްގައި ކޭސްތަކުގެ އަދަދު މިވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ތިން މަސް ދުވަސްފަހުން ކޭސްތަކުގެ އަދަދު 200އިން މައްޗަށް އަރާފައިވާއިރު، މިހާރުވަނީ 300އިން މަތިންވެސް ކޭސްތައް ފެންނަން ފަށާފައެވެ.

މާލެ ސަރަޙައްދުވަގައިވެސް ބަލި ފެންނަ މިންވަރު ދަށަށް ގޮސްފައި އޮތުމަށްފަހު، މިހާރުވަނީ ކޭސްތައް ރިޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. މިއާ ގުޅިގެން އެޗްޕީއޭއިން މިވަނީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، ފިޔަވަޅުތައް ތަންފީޒްކުރޭތޯ ޔަގީންކުރުމަށް ފުލުހުންނަށް އަންގާފައެވެ.

ފުލުހުން ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވާ އަދަދު މަތިވަމުންދާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކްއެޅުން މަޖުބޫރުކޮށްފައިވާކަމަށެވެ. އަދި މިކަން ތަންފީޒްކުރޭތޯ ބެލުމުގެ މަސައްކަތްތައް ފުލުހުން މިހާރު ފަށާފައިވާކަމަށެވެ.

ކޯވިޑް ފެތުރެނީ ވާހަކަދެއްކުމާ ކެއްސާ ކިނބިހި އަޅާއިރު ނޭފަތާ އަނގައިން ބޭރުވާ ކުޅާ ފެން ތިކިތަކުގެ ސަބަބުންނެވެ. އެހެންކަމުން މާސްކް އެޅުމަކީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް އެންމެ މުހިންމު ވަސީލަތެކެވެ. ޚާއްސަކޮށް ބޭރުތެރޭ މީހުން ގިނަ ތަންތަނަށް ދިއުން ވީހާވެސް މަދުކުރުމާއި، ބޭރަށް ނިކުންނައިރު މާސް އެޅުމަށް ސަމާލްކަން ދޭންޖެހެއެވެ.

ކޯވިޑްގެ ޙާލަތު އެންމެ ގޯސްވި ދުވަސްވަރުވެސް ފުލުހުންވަނީ، މާސްކް އެޅުމަށް ނެރެފައިވާ އެންގުން ތަންފީޒްކުރޭތޯ ބެލުމަށް މަގުތަކަށް ނިކުމެފައެވެ. އަދި އެޗްޕީއޭއިން ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވާ މީހުން ޖޫރިމަނާވެސް ކޮށްފައިވެއެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ފިޔަވަޅުތައް ހަރުކަށި ނުކޮށް، އާއްމު ޙާލަތުގައި އާއްމުންގެ އެހީއާއެކު ބަލި ކޮންޓްރޯލްކުރުމަށެވެ. ބަލި ކޮންޓްރޯލްކުރުމަށް މީގެކުރިން ބޮޑެތި ފިޔަވަޅުތައް އަޅާފައިވެއެވެ. އެގޮތުން ލޮކްޑައުންކުރުމާ، ކާފިއު ގަޑިތައް ކަނޑައެޅުމާ އަދި ޚާއްސަ ހުއްދައިގެދަށުން ނޫނީ ބޭރަށް ނުނިކުމެވޭގޮތަށް އުސޫލުތައްވެސް ކަނޑައަޅާފައިވެއެވެ. މިކަންކަމަށް މިހާރު ލުއިދީފައިވަނީ އެންމެ އެކުގައި ކުރި މަސައްކަތުން ބަލި ކޮންޓްރޯލްކުރެވުމުންނެވެ. އެޗްޕީއޭއިން އިލްތިމާސްކުރަނީ މާލެއާ އަދި އަތޮޅުތަކުގައިވެސް އެޗްޕީއޭގެ ގަވާއިދުތަކަށް ޢަމަލުކޮށް ބަލި ކޮންޓްރޯލްކުރުމަށެވެ.

ރާއްޖެއަކީ ކޯވިޑް ބަލި ކޮންޓްރޯލްކޮށް އަލުން އާ އާއްމު ޙާލަތަށް އައުމުގައިވެސް ނަމޫނާ ދެއްކި ޤައުމެކެވެ.