ޚަބަރު

އިންޑޮނޭޝިޔާއިން ބޯޓުދެލި ބޭރުކުރުން މަނާކުރިކުރުން ނިމުމަކަށް ގެނައުމަށް، އެދެންފަށައިފި


އިންޑޮނޭޝިޔާއިން ބޯޓުދެލި ހިފައިގެން ޖަޕާނަށް ދިއުމަށް ތައްޔާރުވެފައިޥާ ބޯޓުތައް ފުރުމުގެ ހުއްދަ ދިނުމަށް ޖަޕާނުން އިންޑޮނޭޝިޔާގެ ސަރުކާރުގައި އެދިއްޖެއެވެ.

ޖަޕާނުން އިންޑޮނޭޝިޔާގެ ހަކަތައާބެހޭ ވަޒީރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ބޯޓުދެލި ހިފައިގެން އެޤައުމަށް ދިއުމަށް ބަރުކޮށްފައިވާ 5 އުޅަނދު ފުރުމުގެ ހުއްދަ ދެއްވުމަށެވެ. އަދި އިންޑޮނޭޝިޔާގެ ޕަވަރ ޕްލާންޓުތަކުން ބޭނުން ނުކުރާ ބޯޓުދެލީގެ ވައްތައްރެއް ކަމަށްވާ ހައި ކެލޮރިކް ކޯލް، އެކްސްޕޯޓަށް ހުޅުވާލުމަށް ވަނީ ގޮވާލާފައެވެ.

ޖަޕާނަކީ އިންޑޮނޭޝިޔާއިން މަހެއްގެ މައްޗަށް 2މިލިއަން ޓަނުގެ ބޯޓުދެލި އިމްޕޯޓުކުރާ ޤައުމެކެވެ. އެހެންކަމުން އިންޑޮނޭޝިޔާއިން މި ޖަނަވަރީމަހު ބޯޓުދެލި އެކްސްޕޯޓުކުރުން މަނާކުރުމުން ގެއްލުންތަކާ ކުރިމަތިލާންޖެހޭ ޤައުމުތަކުގެ ތެރޭގައި ޖަޕާން ހިމެނެއެވެ. މިހަފްތާގައި ޗައިނާއާއި އޮސްޓްރޭލިއާގައިވެސް ބޯޓުދެލީގެ އަގު ވަނީ މައްޗަށްގޮސްފައެވެ. ކުރިއަށްއޮތީ ފިނި މޫސުން ކަމަށްވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެންދާނެތީ، ޗައިނާއާއި ޖަޕާން ފަދަ، އިންޑޮނޭޝިޔާއިން އެންމެ ގިނަ ޢަދަދަކަށް ބޯޓުދެލި އިމްޕޯޓުކުރާ ޤައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

5.9މިލިއަން ޓަނުގެ ބޯޓުދެލި އެކްސްޕޯޓުކުރުމަށް ތައްޔާރުވެފައިއޮތް 100 އުޅަނދު، ފުރުމުގެ ހުއްދަ ނުލިބުމުގެ ސަބަބުން ނުފުރި އިންޑޮނޭޝިޔާގެ ބަނދަރުގައި މިވަގުތު އެބައޮތެވެ.

ބޯޓުދެލި އެކްސްޕޯޓަށް ހުޅުވާލުމާގުޅޭ މަޝްވަރާތައް ބުދަދުވަހު ބޭއްވުމަށް އިންޑޮނޭޝިޔާ ސަރުކާރުން ނިންމާފައިވީ ނަމަވެސް، މަޝްވަރާތައް ވަނީ ފަސްކޮށްފައެވެ. އަދި ބޯޓުދެލި އެކްސްޕޯޓަށް އަލުން ހުޅުވާލާނެ ތާރީޚެއް ބުނަން ނޭނގޭކަމަށް ސަރުކާރުގެ އިދާރާތަކުން ހާމަކުރެއެވެ.

އިންޑޮނޭޝިޔާގެ ރިޒާވުން ބޯޓުދެލި ހުސްވުމާ ގާތްވެ، ބައެއް ސަރަޙައްދުތަކުން ކަރަންޓުކެނޑިދާނެކަމަށް ބަލައި، ބޯޓުދެލި އެކްސްޕޯޓުކުރުން މަނާކޮށްފައިވަނީ މި ޖަނަވަރީމަސް ފެށުމާއެކުގައެވެ. މިހާތަނަށް އިންޑޮނޭޝިޔާގެ ސަރަޙައްދީ ރިޒާވަށް 13.9މިލިއަން ޓަނުގެ ބޯޓުދެލި އިތުރުވެފައިވާއިރު، މިޢަދަދަކީ މިމަހަށް ބޭނުންވާ 5.1މިލިއަން ޓަނަށްވުރެ ދެގުނަ އިތުރު ޢަދަދެއް ނަމަވެސް، މަދުވެގެން 20 ދުވަހު ހުސްނުވެ ބޭނުންކުރެވޭވަރަށް ސްޓޮކް އިތުރުކުރުމަށް ބޭނުންވާކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.