ޚަބަރު

މޭމަހު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 116 މީހަކަށް 3.9 މިލިޔަން ރުފިޔާ


  • އެންމެ ގިނައިން ޒަކާތު ފަންޑުން ބޭސް ފަރުވާއަށް ޚަރަދުކުރީ ކެންސަރު ބައްޔަށް

  • ޒަކާތު ފަންޑުން އަންނަނީ އެހެނިހެން ދާއިރާތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުން

ފާއިތުވި މޭމަހު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 3.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ. ޒަކާތު ހައުސްއިން ވަނީ މޭ މަހު ޒަކާތު ފަންޑުން ޚަރަދުކުރިގޮތުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި މަހު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 116 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި އެމަހު އެހީގެ ގޮތުގައި 1.4 މިލިޔަން ރުފިޔާ ހަމަޖެއްސިއިރު އެމަހު ޚަރަދުކޮށްފައިވަނީ 3،903،704.36 ރުފިޔާއެވެ.

މެއިމަހު އެންމެ ގިނައިން ޒަކާތު ފަންޑުން ބޭސް ފަރުވާއަށް ޚަރަދުކުރީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށެވެ. އެގޮތުން 619،264.57 ރުފިޔާ އެހީގެ ގޮތުގައި ހަމަޖައްސާފައިވެއެވެ.

މެއިމަހު ބޭސްފަރުވާއަށް އެހީދިނުން

• ފުއްޕާމޭގެ ބަލިތަކަށް: 16،962 ރުފިޔާ
• ކެންސަރު: 619،264.57 ރުފިޔާ
• ހިތުގެ ބަލިތަކަށް: 72،088.50 ރުފިޔާ
• ޓްރާންސްޕްލާންޓް: 50،886 ރުފިޔާ
• ކިޑްނީގެ ބަލިތަކަށް:21،835.50 ރުފިޔާ
• ސިކުނޑީގެ ބަލިތަކަށް: 55،126.50 ރުފިޔާ
• އެހެނިހެން ބަލިތަކަށް: 620،540 ރުފިޔާ

ޒަކާތު ފަންޑުން އަންނަނީ އެހެނިހެން ދާއިރާތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން މެއި މަހުގެ ތެރޭގައި ފަޤިރުންނާއި މިސްކީނުންގެ ބައިން ޟަރޫރީ އެހީގެ ގޮތުގައި 12،000 އަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ޢާމިލުންގެ ބައިން 2.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޒަކާތު ފަންޑުން ޚަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން ފީސަބީލިﷲ ބައިން ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާންގެ އިލްމު ފެތުރުމަށްޓަކައި 660،455.56 ލައްކައަށް ވުރެއް ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށްވެސް 251،096.62 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.