ޚަބަރު

ފިލިޕީންސްގެ ޤައުމީ އެއަރލައިން އަލުން ޚިދުމަތަށް


ފިލިޕީންސްގެ ޤައުމީ އެއަރލައިން ބަނގުރޫޓުވީކަމަށް ނިންމުމަށް ކޯޓަށް ހުށަހަޅާފައި އޮތުމަށްމަހު، އެނިންމުން ބަދަލުކޮށް، ކުންފުނީގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެފައިވާކަމަށް އެ އަރލައިނުން ބުނެފިއެވެ.

ފިލިޕީން އެއަރލައިނަށް، ކޯވިޑު-19އާ ގުޅިގެން ވައިގެ ބަނދަރުތައް ބަންދުކުރުމުން ލިބުނު ގެއްލުންތަކުން އަރައިނުގަނެވުމުން، ކުންފުނި ބަނގުރޫޓު ވެފައިވާކަމަށް ކަނޑައަޅައިދިނުމަށް އެމެރިކާގެ ބޭންކްރަޕްސީ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. ނަމަވެސް މިހާރު އެކުލަވާލާފައިވާ ކުންފުނީގެ އައު އޯގަނައިޒޭޝަން ޕްލޭން، ކޯޓުން ބަލައިގެންފައިވާތީ، މައްސަލަ ނިންމާލުމަށް ކަނޑައަޅާފައިވާކަމަށް އެ އެއަރލައިނުން މިދިޔަ ހަފްތާގައި ވަނީ ބުނެފައެވެ.

ފިލިޕީން އެއަރލައިނުގެ ރީއޯގަނައިޒޭޝަން ޕްލޭނުގެ ދަށުން 2ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަދާކުރުމަށާއި، ޙިއްސާދާރުންދެ ފަރާތުން ލިކުއިޑިޓީގެ ގޮތުގައި 505މިލިއަން ޑޮލަރު ހޯދުމަށް ހަމަޖެހިފައިވެއެވެ. އަދި އަލަށް އިންވެސްޓުކުރާ ފަރާތުން 150މިލިއަން ޑޮލަރާ ހަމައަށް ފައިސާ ހޯދުމަށް ވަނީ ނިންމާފައެވެ.

ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވެފައިވަނީ އުދުހުންތަކަށާއި އޮޕްރޭޝަނަށް ބަދަލުގެނެސް، މުސްތަޤުބަލުގައި ކުންފުންޏަށް ފައިދާކުރާނެ ގޮތަށްކަމަށް ފިލިޕީން އެއަރލައިނުން ބުނެއެވެ. އަަދި ޤައުމުތަކުގެ ބޯޑަރުތައް ހުޅުވި ޢާއްމުންނަށް ދަތުރުކުރުމަށް ހުޅުވާލުމުން، ޗައިނާއާއި އޮސްޓްރޭލިއާއަށްވެސް ޝެޑިއުލް ދަތުރުތައް އަލުން ފަށާނެކަމަށް އެ އެއަރލައިނުން ބުނެއެވެ.

ފިލިޕީންސްގެ ސަރުކާރުން ހާމަކޮށްފައިވާގޮތުން ވައިގެ ދަތުރުތައް މަޑުޖެހުމާ ގުޅިގެން 2020ވަނަ އަހަރު އެޤައުމުގެ ޤައުމީ އެއަރލައިނުގެ އޮޕަރޭޝަންތަކަށް 75% ދަށްވުމެއް އައެވެ. 2020ވަނަ އަހަރު އެއަރލައިން ބަނގުރޫޓުވިކަމަށް ކަނޑައެޅުމަށް ހުށަހެޅިއިރު އެ އެއަރލައިނުން ބުނެފައިވަނީ 80،000 ދަތުރު ކެންސަލްކުރަން ޖެހުމުން 2ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށާއި، 2000 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހުނުކަމަށެވެ.