ޚަބަރު

ވޮލްވޯ ކުންފުނީގެ "ހޭންޑްސް ފްރީ ޑްރައިވިން" ޓެކްނޮލޮޖީ މިއަހަރު ޓެސްޓުކުރަނީ


ލަގްޒަރީ އުޅަނދު އުފައްދާ ކުންފުންޏެއް ކަމަށްވާ ވޮލްވޯ ކާރސްއިން އަލަށް އުފެއްދުމަށް ނިންމާފައިވާ ހުންގާނު ބޭނުންނުކޮށް ދުއްވާ "ހޭންޑްސް ފްރީ ޑްރައިވިންގް" ސިސްޓަމް، ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

"ރައިޑް ޕައިލެޓް" ނަމަކަށްކިޔާ މި ސޮފްޓްވެއަރ އެންމެ ފުރަތަމަ ޓެސްޓުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު، ކެލިފޯރނިއާގައެވެ. އަދި އަންނަ އަހަރު މަގުމަތީގައި މި ޓެކްނޮލޮޖީ ޓެސްޓުކޮށް، ތަފާތު ދިރާސާތައް ހަދައި، ޢާއްމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބޭނުންވާ ހުއްދަތައް ހޯދާނެކަމަށް ވޮލްވޯއިން ބުނެއެވެ.

ސެލްފް ޑްރައިވިންގ ވެހިކަލްތަކަށް ބޭނުންވާ ސެންސަރު އުފައްދާ ކުންފުނި، ލުމިނަރ ޓެކްނޮލޮޖީސްއާ ގުޅިގެން ވޮލްވޯއިން ތައްޔާރުކުރާ މި ޓެކްނޮލޮޖީ ސޮފްޓްވެއަރ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިއަހަރު އެ ކުންފުނިން ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ އައު އިލްކެޓްރިކް އެސްޔޫވީ ގައެވެ.

ލަސްވޭގަސްގައި މިހާރު ކުރިއަށްދާ މިއަހަރުގެ ކޮންޒިއުމަރ އިލެކްޓްރޯނިކްސް ޝޯވގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ވޮލްވޯގެ ނައިބު ރައީސް އަލެކްސެންޑްރަ ޕެޓްރޮފްސްކީ ވިދާޅުވީ 2023ވަނަ އަހަރު އައު އެސްޔޫވީތައް ބާޒާރުގައި ވިއްކަން ފަށާނެކަމަށެވެ. އަދި ސެލްފް ޑްރައިވިން ސޮފްޓްވެއަރ ވިއްކުމަށް ހަމަޖެހިފައިވަނީ، އެސްޔޫވީ ގަންނަ ކަސްޓަމަރުންނަށް ސަބްސްކްރިޕްޝަން އަޕްގްރޭޑެއްގެ ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ.

"ރައިޑް ޕައިލެޓް" ސޮފްޓްވެއަރ ވިއްކަންފަށާނެ ސީދާ ތާރީޚެއް އަދި ހާމަކޮށްފައިނުވާއިރު، ކުރިއަށް އޮތްތަނުގައި އެ ކުންފުނީގެ އާމްދަނީގެ ބޮޑު ޙިއްސާއެއް އޮންނާނީ ސޮފްޓްވެއަރ ވިޔަފާރިންކަމަށް ޕެޓްރޮފްސްކީ ވިދާޅުވިއެވެ.

މި ޓެކްނޮލޮޖީގައި ވަކި ޙާލަތްތަކުގައި އުޅަނދު ދުއްވުމާގުޅޭ ހުރިހާ މަސައްކަތެއް، ސޮފްޓްވެއަރ މެދުވެރިކޮށް އޮޓޮމެޓިކުން ކާރުގެ ސިސްޓަމުން ކުރިއަށް ގެންދާނެއެވެ. އެހެންކަމުން ދުއްވާ މީހާ އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ. މިކަމަށް މަގުފަހިކޮށްދޭ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ލުމިނަރ ކުންފުނިން އުފައްދާ ލައިޑަރ ސެންސަރުން، މަގުގެ 3-ޑައިމެންޝަނަލް މެޕެއް އުޅަނދަށް ނަގައިދޭނެއެވެ. އަދި ސޮފްޓްވެއަރއާ ގުޅުވާފައިވާ އިތުރު 5 ރޭޑާރ ސެންސަރާއި، 8 ކެމެރާއާއި، 16 އަލްޓްރާސޮނިކް ސެންސަރު ހުންނާނެކަމަށް ވޮލްވޯއިން ބުނެއެވެ.