ފަލަސްޠީނުގެ ޣައްޒާގައި ކާޑުބަލި ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ޚާއްޞަ ކާބޯތަކެތި ހުސްވުމުގެ ބިރުބޮޑުވެފައިވާކަމަށް، އދ.ގެ އެހީ ދޭ ޖަމުޢިއްޔާއިން ބުނެފިއެވެ.
އުރުދުންގައި ހުންނަ ޔުނިސެފް އޮފީހުގެ ތަރުޖަމާނު، ސަލީމް އުވެއިސް ވިދާޅުވީ، ކާޑުބަލި ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ 'ރެޑީ ޓު ޔޫސް ތެރަޕިޔުޓިކް ފުޑް (އާރުޓީޔޫއެފް) އަންނަ އޯގަސްޓް މަހުގެ މެދު ތެރޭގައި މުޅި ޣައްޒާއިން ހުސްވާނެ ކަމަށެވެ.
އޭނާ ވަނީ، މިއީ ޣައްޒާގައި މި ވަގުތު ތިބި ކާޑުބަލި ޖެހިފައިވާ ކުޑަކުދިންނަށް ވަރަށް ބިރުވެރި ޙާލަތެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފައްދާއާރުޔޫޓީއެފްގައި ބިސްކޯދާއި ހިކި ކިރުން އިން މުއްސަނދިކޮށްފައިވާ ޕީނަޓް ޕޭސްޓް އަކީ ކާދުބަލި ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ވަރަށް މުހިންމު އެއްޗެކެވެ.
ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނީ، ޣައްޒާގެ ގުދަންތަކުގައި ހުރި އާރުޓީޔޫއެފް ވަގުތުން ވަގުތަށް އައު ނުކޮށްފިނަމަ، ވަރަށް އަވަހަށް ހުސްވާނެ ކަމަށެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ދަށުން މި އަހަރުގެ މާރިޗު މަހުގެ 2ވަނަ ދުވަހަށް ފަހު ޣައްޒާގެ ފުރަބަންދު އޮތީ ހަރުކަށި ކޮށްފައެވެ. އަދި، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. އެއާ އެކު، ޣައްޒާގެ ކުޑަކުދިން ވަނީ ފައިދާހުރި ކާނާއިން މަޙްރޫމުވެފައެވެ.
ޣައްޒާގެ މެދުތެރޭގެ ސަރަޙަައްދުތަކުގައި ކާޑުބަލިޖެހިފައިވާ ކުޑަކުދިންގެ އަދަދު އިތުރުވަމުން އަންނަކަމަށް، ކުޑަކުދިންނަށް އެހީދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެއް ކަމަށްވާ "ސޭވް ދަ ޗިލްޑްރަން" އިން ބުނެފައިވާއިރު، ފެބްރުއަރީ މަހުން ފެށިގެން އަމިއްލައަށް އާރުޓީޔޫއެފް ގެނެވޭ ގޮތެއް ނުވެ، އދ.ގެ އެހީއަށް ބަރޯސާވެފައިވާ ކަމަށެވެ.
މިގޮތުން، އދ.ގެ މައި ޖަމުޢިއްޔާއިން އާރުޓީޔޫއެފް ހުސްވެއްޖެނަމަ، އެ ޖަމުޢިއްޔާގެ އެހީއަށް ބަރޯސާވެގެންތިބި އެހެނިހެން ޖަމުޢިއްޔާތަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށް ސޭވް ދަ ޗިލްޑްރަންގެ އޮފިޝަލަކު ވިދާޅުވިއެވެ.
ޔުނިސެފުން ބުނީ އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ މެދަކާ ހަމައަށް ޖުމްލަ، 20،504 ކުޑަކުދިންނަށް ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ކާނާ ނުލިބިގެން އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެ ކުދިންގެ ތެރެއިން 3،247 ކުދިންގެ ހާލު ސީރިއަސްކަމަށް ޔުނިސެފުން ބުނާއިރު، މިއީ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހުރި އަދަދަށް ވުރެ ގާތްގަނޑަކަށް ތިންގުނަ އިތުރު އަދެދެކެވެ.
ޑަބްލިއުއެޗްއޯއިން ބުދަ ދުވަހު ބުނީ، މި އަހަރުގެ މިހާތަނަށް ކާނާ ނުލިބުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ފަސް އަހަރުން ދަށުގެ 21 ކުޑަކުއްޖަކު ހިމެނޭ ކަމަށެވެ.