ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް އަލިފުށީގައި


ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ރ.އަތޮޅު އަލިފުށީގައި ކުޅޭ ގޮތަށް ނިންމާފައިވާކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ. މީގެ ކުރިންވެސް އެފްއޭއެމުން ވަނީ ބޮޑެތި މުބާރާތްތައް އަތޮޅު ތެރޭގައި ކުޅެފައެވެ. ގައުމީ މުބާރާތާއި ރާއްޖޭގައި ބޭއްވި ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތްވެސް ވަނީ އައްޑޫ ސިޓީއާއި މާލޭގައި ކުރިއަށް ގެންގޮސްފައެވެ.

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް މިހާރު ކުރިއަށްދަނީ މާލޭގައެވެ. މިމުބާރާތުގެ މެޗްތައް އަލިފުށީގައި ކުރިއަށް ގެންދިއުމަށް ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް އަދި އަލިފުށީ ކައުންސިލް ގުޅިގެން ވަނީ ކަމާގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މިއީ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް މާލެއިން ބޭރުގައި ކުޅޭ ތިންވަނަ ފަހަރުއެވެ. 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ކުޅުނީ ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ. އަލިފުށީގައި އެޅި ޓާފް ދަނޑު ނިމުނުކަން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހު ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައެވެ.

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ބާއްވާފައިވަނީ މީގެ 4 އަހަރަށް ފަހުއެވެ. މިއަހަރުގެ މުބާރާތުގައި އެހެން އަހަރުތަކާއި ޚިލާފަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ 8 ޓީމް ވާދަކުރިއެވެ. މިފަހަރުގެ މުބާރާތް ކުރިއަށްދަނީ ފުރަތަމަ ލީގް ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ.