ޚަބަރު

އިންޑޮނީޝިޔާގައި ބޯޓުދެލި އެކްސްޕޯޓްކުރުން މަނާކުރުން ނިމުމަކަށް ގެނައުމާ ގުޅޭ މަޝްވަރާ މާދަމާ


އިންޑޮނޭޝިޔާއިން ބޯޓުދެލި އެކްސްޕޯޓުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ މަޝްވާރާތައް ބުދަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ.

ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކަށް އެންމެ ގިނައިން ބޯޓުދެލި ފޯރުކޮށްދޭ އިންޑޮނޭޝިޔާއިން މި މަޢުދަން އެކްސްޕޯޓުކުރުން ކުއްލިއަކަށް މެދުކަނޑާލުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު ވަނީ މައްޗަށްދާން ފަށާފައެވެ. އަދި ޗައިނާ ފަދަ އިންޑޮނޭޝިއާގެ އެކްސްޕޯޓަށް ބަރޯސާވެގެންތިބި ޤައުމުތަކުން ވަނީ އެޤައުމުތަކުގެ ކާރުޚާނާތަކާއި ވިޔަފާރިތަކުން ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރަން އަންގާފައެވެ.

އިންޑޮނޭޝިޔާގެ ކަރަންޓު ދޫކުރާ ސަރަޙައްދީ މަރުކަޒުގައި ހުރި ބޯޓުދެލި ރިޒާވް ހުސްވުމާ ގާތްވެ، އެޤައުމުގެ ބޮޑެތި ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ބަލައި، ބޯޓުދެލި އެކްސްޕޯޓުކުރުން މަނާކުރި ނަމަވެސް، މިހާރު އެކަށީގެންވާ ޢަދަދަށް މި މާއްދާ ޖަމާވެފައިވާތީ، އެކްސްޕޯޓު އަލުން ފެށުމާއި ގުޅޭ މަޝްވަރާތައް ކުރުމަށް ވަނީ ނިންމާފައެވެ.

މާދަމާ ބޭއްވުމަށް ނިންމާފައިވާ ބައްދަލުވުންތަކުގެ ތެރޭގައި އިންޑޮނޭޝިޔާގެ ކޯލް މައިނާރސް އެސޯސިއޭޝަނުގެ ފަރާތުން އެޤައުމުގެ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ލުޠުފީ އާއި ބައްދަލުކުރާނެއެވެ. އަދި ސްޓޭޓް-އޮއުންޑް އެންޓަރޕްރައިސް ގެ ވަޒީރު އެރިކް ޠާހިރާއި، ހަކަތައާބެހޭ ވަޒީރު ބާއްވާ ބައްދަލުވުމެއް، ސަރަޙައްދީ އިލެކްޓްރިކް ކުންފުންޏާއެކު އޮންނާނެކަމަށް އެ އިދާރާތަކުން ވަނީ ބުނެފައެވެ.

މި ބައްދަލުވުންތަކުގެ ތެރޭގައި، އިންޑޮނޭޝިޔާގެ ރައީސްގެ އިރުޝާދުގެ ދަށުން، ފަހުން މައްސަލަ ދިމާނުވާނެހެން ބޯޓުދެލި ބޭނުންކުރާ ކޮންމެ ޕަވަރ ޕްލާންޓެއްގެ ޙާލަތު ވަކިން ބަލާނެކަމަށް ވަޒީރު ޠާހިރު ވަނީ ބުނެފައެވެ.

އިންޑޮނޭޝިޔާގެ ސަރަޙައްދީ ކަރަންޓުދޭ މަރުކަޒުން ބުނެފައިވަނީ ޖަނަވަރީމަހަށް 5.1 މިލިއަން ޓަނުގެ ބޯޓުދެލި އިތުރަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކްސްޕޯޓު ބަންދުކުރުމާއެކު އެޤައުމުގެ ބޯޓުދެލި ނަގާ ކުންފުނިތައް ގުޅިގެން މިހާތަނަށް ވަނީ 7.5 މިލިއަން ޓަނުގެ ބޯޓުދެލި، ޤައުމީ ރިޒާވަށް އިތުރުކޮށްދީފައެވެ. ނަމަވެސް މަދުވެގެން 20 ދުވަހު އިތުރަށް ބޭނުންކުރެވޭ ވަރަށް ސްޓޮކް އިތުރުކުރުމަށް ބޭނުންވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން މިހާރު ވަނީ ބުނެފައެވެ.