ކުޅިވަރު

ވެލެންސިޔާއިން ފަހަތުން އަރާ ޓީސީ ބަލިކޮށްފި


ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުލަބް ވެލެންސިޔާއިން ފަހަތުން އަރާ ޓީސީ ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރި ހޯދައިފިއެވެ. މިމެޗް ވެލެންސިޔާއިން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ. މެޗް ފަށައިގެން ދެ ޓީމުންވެސް ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުންދިޔައެވެ. މެޗުގެ ވަރަށް ކުރީ ކޮޅުގައި ޓީސީގެ ޒުވާން ފޯވާޑް މުޙައްމަދު މާއިޝް މައުސޫމަށް އަނިޔާވުމުގެ ސަބަބުން އޭނާ ބަދަލް ކުރަން ޖެހުނެވެ. އޭނާގެ ބަދަލުގައި ކުޅެން އަރުވާފައިވަނީ ޒަޔާން ނަސީރުއެވެ.

މެޗުގައި އެންމެ ފުރަތަމަ ނުކައްކާތެރި ހަމަލާ އުފައްދާފައިވަނީ ޓީސީއިންނެވެ. މެޗްގެ 24ވަނަ މިނެޓްގައި އެޓީމުގެ އެޓީމަށް ލިބުނު ހިލޭ ޖެހުން ހަމްދޫން ޢަބްދުއްލަތީފް ފޮނުވާލި، ބޯޅަ ވެލެންސިޔާގެ ކީޕަރު މުޙައްމަދު ފައިސަލްގެ އަތުގައި ޖެހިފައި ދޫވި ބޯޅަ، އެވަގުތު ޓީސީގެ ފޯވާޑް މުހައްމަދު މުސްލިހު ގޯލާއި ދިމާލަށް ފޮނުވާލި ނަމަވެސް، ވެލެންސިޔާގެ ބިދޭސީ ޑިފެންޑަރު ޑަކްސަންވަނީ އެބޯޅަ ދިފާޢުކޮށްފައެވެ. މެޗްގެ 30ވަނަ މިނެޓްގައި ވެލެންސިޔާގެ އަހުމަދު ސިޒާން އޭރިޔާގެ ތެރޭގައި ހުރެފައި، ގޯލް ކުރިމައްޗަށް ހުރަސްވެގެން އައިބޯޅަ ޖަހަން މަސައްކަތް ކުރި ނަމަވެސް، ސިޒާންއަށް އެބޯޅަ ގޯލާއި ސީދާކޮށްލެވޭ ގޮތެއް ނުވިއެވެ.

މެޗްގައި ޓީސީއިން ލީޑުނެގީ މެޗްގެ 38ވަނަ މިނެޓްގައި އެޓީމުގެ ޒައްޔުވަނީ ބޮލުން ގޯލް ޖަހާފައެވެ. ޓީސީއިން ފުރަތަމަ ގޯލް ޖެހިތާ 5 މިނެޓް ފަހުންވެސް ޒައްޔަށްވަނީ ލީޑް ފުޅާ ކުރުމަށް ރަގަނޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ވެލެންސިޔާގެ ޑިފެންޑަރު ޑަކްސަންއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޒައްޔު ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފްގައި ވެލެންސިޔާއަށް މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެލެންސިޔާއިން ވަނީ ގޯލެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ވެލެންސިޔާއަށް ކާމިޔާބުކޮށްދިނީ ހުސެއިން ހަނާންއެވެ.

މެޗްގެ ދެވަނަ ހާފްގެ ކުރީކޮޅުގައި ވެލެންސިޔާއަށް ލީޑް ފުޅާ ކުރުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހަނާންއަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރު، އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ބޯހަސް ގޯލާއި ދިމާލަށް ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. މެޗްގައި ވެލެންސިޔާއިން ލީޑް ނެގީ މެޗްގެ 69ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ބޯހަސްއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ވެލެންސިޔާއަށް ލިބިފައިވާ ލީޑް ފުޅާކުރުމަށް ކެޕްޓަން ޢަލީ ފާސިރަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަކަށް ނުހިފުނެވެ.