ކުޅިވަރު

ގްރީންއިން ސަސްގެ މައްޗަށް ކުރި ހޯދައިފި


ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ގްރީން ސްޓްރީޓްސްއިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ މައްޗަށް މުހިއްމު މޮޅެއް ހޯދައިފިއެވެ. މިމުބާރާތުގައި ގްރީން އާއި ސަސް ވާދަކުރި މެޗް ގްރީން ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.

މިމެޗަށް ނިކުތްއިރު ގްރީންގެ ކެޕްޓަން ރިޟްވާން ވަހީދަށް ދެ ރީންދޫ ކާޑް ހަމަވުމުގެ ސަބަބުން، މިމެޗުގައި ނުކުޅެވުނެވެ. މެޗްގެ އެންމެ ފުރަތަމަ ހަމަލާއުފައްދާފައިވަނީ ސަސްއިންނެވެ. އެޓީމްގެ ޔަސްފާދު ހަބީބާއި އިބްރާހިމް އަތީގް ހަސަންއަށް ލިބުނު ފުރުސަތުގެ ބޭނުން އެކުޅުންތެރިންނަކަށް ނުހިފުނެވެ. މެޗްގައި ފުރަތަމަ ހަމަލާތައް ސަސްއިން އުފެއްދި ނަމަވެސް މެޗްގައި ފުރަތަމް ގޯލް ޖަހައި ލީޑް ނެގީ ގްރީންއިންނެވެ. މިލަނޑު މެޗްގެ 22ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މުނޯޒެވެ. ގްރީންއިން އެޓީމްގެ ފުރަތަމަ ގޯލް ޖެހިތާ މާގިނައިރުތަކެއް ނުވަނީސްވަނީ އިތުރު ލަނޑެއްޖަހައި ލީޑް ފުޅާކޮށްފައެވެ. މިލަނޑު ގްރީންއަށް ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހިމެވެ. މެޗްގެ ފުރަތަމަ ހާފްގައި ސަސްއަށްވެސް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އެފުރުސަތުގެ ބޭނުން އެޓީމްގެ ކުޅުންތެރިންނަކަށް ހިފޭ ގޮތެއް ނުވިއެވެ.

މެޗްގެ ދެވަނަ ހާފް ފެށިގެން ރަގަނޅު ކުޅުމެއް ދައްކަމުން ދިޔައީ ސަސްއިންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސަސްއިންވަނީ މެޗްގެ 50ވަނަ މިނެޓްގައި އެޓީމްގެ ފުރަތަމަ އަދި އެޓީމްއިން މެޗްގައި ޖެހި ހަމައެކަނި ލަނޑު ޖަހާފައެވެ. މިލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ ޔަސްފާދު ހަބީބެވެ. ގްރީންގެ ތިންވަނަ ލަނޑު ޖެހުމަށް އެޓީމުގެ ޒުވާން ކުޅުންތެރިޔާ ޢަބްދުﷲ ޔާމީނަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ޔާމީން ފޮނުވާލި ބޯޅަ ސަސްގެ ޑިފެންޑަރުން ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. މެޗްގެ ފަހުކޮޅުގައި ސަސްއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެން ފެށިއެވެ. އަދި ސަސްގެ އައިހަމް އަހުމަދު ފޮނުވާލި ހިލޭޖެހުން ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

މެޗްގެ ފަހުކޮޅުގައި ލިބުނު މަދު ފުރުސަތުގައިވެސް ގްރީންއިން ސަސްގެ ގޯލަށް ނުރައްކާ ކުރިއެވެ. މެޗްގ އިތުރުވަގުތުގައިވެސް ސަސްއިންވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ގޯލެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ނަމަވެސް މެޗްގެ ފަހު ކަށިގަނޑާއި ހަމައަށް ދިޔައިރުވެސް ސަސްއަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ކޮންމެ ޓީމެއް މިހާރު 4 މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ 12 ޕޮއިންޓް ލިބިފައެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ގޯލު އެއްވަރުވެ، ޖެހި ގޯލުގެ ތަފާތުންނެވެ. ރޭގެ މޮޅާއެކު ގްރީން ސްޓްރީޓްސްއިން ވަނީ 3 ވަނައިގައި ލީޑެއް ނަގައިފައެވެ. ގްރީން ސްޓްރީޓްސް އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ސަސްއަށް ލިބުނީ 6 ޕޮއިންޓެވެ. ތާވަލްގެ 5ވަނައިގައި އޮތް އީގަލްސް އާއި 6 ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ. 7 ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވަނީ ޕޮއިންޓެއް ލިބިފައެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ފުރުސަތު ލިބޭނީ ލީގު ބުރު ނިމޭއިރު އެއް ވަނަ އާއި ދެ ވަނަ ޓީމަށެވެ. މިމުބާރާތުގައި ކޮންމެ ޓީމަކަށް ބާކީ މިހާރު އޮތީ 3 މެޗެވެ.