ޚަބަރު

ޑްރަގުގެ ވަގުވިޔަފާރި ކޮންޓްރޯކުރުމަށް ކުރެވެންއޮތް ހުރިހާކަމެއް ކުރާނަން: ރައީސް


ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގަމުންދާ މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހުއްޓުވުމަށް ރާއްޖޭގެ ބޯޑަރު ބަލަހައްޓައި، ކުރައްވަަންޖެހިވަޑައިގެންނެވި ކޮންމެކަމެއް ކުރައްވަމުން ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނ.ލަންދޫ ބަނދަރު ހުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ އިޖުތިމާޢީ އަމާންކަމާއި، ހިތްފަސޭކަމުގެ މައްޗަށް ރައީސްވަނީ ބައްލަވާލައްވާފައެވެ. އެކަމަށްޓަކައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަށް އުފާވެރިކަމެއް ލިބޭނީ ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ މުޖުތަމައެއް އޮވެގެން ކަމަށެވެ.

އެކަން ކަށަވަރުކޮށްދެއްވުމަށް ސަރުކާރުން މިވީ މުއްދަތުގެ ތެރޭގައި ޑްރަގުގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖެއަށް ޑްރަގު އެތެރެކުރުމަށް ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި ތިބި ބަޔަކު ހިންގަމުންދާ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މިސަރުކާރުން ފަސް ނުޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރު އެކަނިވެސް މިއިން ދުވަހަކު ރާއްޖެއިން އަތުލައިނުގަންނަ މިންވަރަށް ޑްރަގު އަތުލައިގަނެވިފައި ވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަން ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރާތީ ކަންބޮޑުވެ މިކަމާ ދެކޮޅުހަދާ ބަޔަކު ތިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިމަސައްކަތް ހުއްޓަވާނުލައްވާނެކަމަށެވެ.

"މިކަމާ ކަންބޮޑުވާ ބަޔަކު އެބައުޅޭ. އެއީ ޑްރަގުގެ ވިޔަފާރި ރާއްޖޭގައި ކުރާ ފަރާތްތަކާއި، ވަގު ވިޔަފާރިއަށް ދެވިހިފާފައިވާ ފަރާތްތައް. އެމީހުންނަށް ކަމަކުނުދާނެ މިކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެން އެކަން ހުއްޓައެއް ނުލާނަން. އެހީލިބެންއޮތް ހުރިހާ ފަރާތެއްގެ އެހީތެރިކަމާއެކު، ރާއްޖޭގެ ބޯޑަރުތައް ބަލަހައްޓައި، ރާއްޖެއަށް އެތެރެކުރާ ޑްރަގު ކޮންޓްރޯލްކުރުމަށްޓަކައި، ކުރެވެންއޮތް ހުރިހާކަމެއް އަޅުގަނޑުމެން ކުރަމުން ގެންދާނަން. ރާއްޖޭގެ ޖީލަކަށްފަހު ޖީލެއް ހަލާކުވެގެންދާތަން ބަލާކަށް އަޅުގަނޑުމެން ނުތިބޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކް ފޯހުގެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށްދާކަމަށާ، ކުރެވޭ މަސައްކަތުގެ ނަތީޖާ މިއަހަރުގެ މެދެއްހައި ހިސާބުގައި ފެންނާނެކަމަށެވެ.