ޚަބަރު

ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ރިޒޯޓެއް ހަދާތީ 5 ލައްކައިން ޖޫރިމަނާކޮށްފި


ވ.ވަށުގިރި ޕްރައިވެޓް ލިމިޓެޑުން ވަށުގިރީގައި ރިސޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކުރަމުންދިއުމާ ގުޅިގެން އެކުންފުނި 593750 ( ފަސް ލައްކަ ނުވަދިހަ ތިންހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވިދާޅުވީ، ވަށުގިރި ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާ ކޮށްފައިވަނީ، ލ.ވަށު ގިރީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ބައެއް މަސައްކަތްތައް ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ޤަވާއިދާ ޚިލާފަށް ކޮށްފައިވާތީ ކަމަށެވެ.

މި ޖޫރީމަނާކޮށްފައި މިވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދާއި ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާޢިދުގެ ދަށުންކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

މިމައްސަލާގައި އެކުންފުނި ޖޫރިމަނާ ކޮށްފައިވާ ޖުމްލަ 593،750 (ފަސް ލައްކަ ނުވަދިގެ ތިންހާސް ހަތް ސަތޭކަ ފަންސާސް) ދިވެހިރުފިޔާ 30(ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި އީޕީއަށް ދެއްކުމަށް އެފަރާތަށްވަނީ އަންގަވާފައެވެ.