ޚަބަރު

ގެދޮރުވެރިޔާ ލޯނު ސްކީމަށް ލުޔެއް


އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ މީހުން ގެދޮރު ބިނާކުރުމަށާއި ގެދޮރު މަރާމާތުކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ "ގެދޮރުވެރިޔާ ލޯނު ސްކީމް"އަށް ކަނޑައެޅި ޝަރުޠުތަކުގެ ތެރެއިން މުހިންމު ޝަރުޠަކަށް ލުއި ދީފިއެވެ. މިލޯނަކީ %6 އިންޓްރެސްޓް ރޭޓާއެކު ދޫކުރާ ލޯނެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ މީހުން ގެދޮރު ބިނާކުރުމަށާއި ގެދޮރު މަރާމާތު ކުރުމަށް "ގެދޮރުވެރިޔާ ލޯނު ސްކީމް" އިފްތިތާޙްކޮށްފައިވަނީ މިއަހަރުގެ ޖޫންމަހުގެ 14ވަނަ ދުވަހުގައެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުން އެމީހަކު ދިރިއުޅޭ ރަށެއްގައި ވަޒަންވެރިވެ ދިރިއުޅޭވެނެގޮތް ހައްދަވައިދެއްވުމަށް ސަރުކަރުން ތަޢާރަފްކުރައްވާފައިވާ ލޯނު ސްކީމެކެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވީ "ގެދޮރުވެރިޔާ ލޯން" ޕްރޮގްރާމް ގައި ހިމެނޭ ޝަރުރުތުތަކުގެ ތެރޭގައިވާ "ރަށްވެހިވެފައިވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން 3 އަހަރު ވެފައިވުން"، މި ޝަރުޠު އުނިކޮށްފައިވާކަމަށެވެ. އަދި މިހާތަނައް މި ޝަރުޠު ފުރިހަމަ ނުވުމުގެ ސަބަބުން ލޯނު ރިޖެކްޓް ކުރެވިފައިވާ މީހުންގެތެރެއިން، ބޭނުންވާ މީހުން ހުށަހަޅާފައިވާ އެޕްލިކޭޝަން އަލުން ހުށަހެޅުމުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެޗްޑީއެފްސީން ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރއާއި އެޗް.ޑީ.އެފް.ސީއާ ގުޅިގެން ހިންގާ މިސްކީމްގައި ލޯނަށް އެދޭ މީހާގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކުރެވިފައި އޮންނަން ޖެހެއެވެ. ލޯނު ދިނުމުގައި އިސްކަންދެނީ ކައިވެނި ކޮށްގެން އުޅޭ މީހުންނާއި އެކަނި ދަރިން ގޮވައިގެން އުޅޭ މީހުންނަށެވެ.

މި ލޯނު ސްކީމް ހިންގައި، މެނޭޖު ކުރާނީ އެޗްޑީއެފްސީންނެވެ. އެހެންނަމަވެސް ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ އެޗްޑީއެފްސީއާއި ޕްލޭނިން މިނިސްޓްރީ ގުޅިގެން އެކުލަވާލާ ޖޮއިންޓް ކްރެޑިޓް ކޮމެޓީއަކުންނެވެ.