ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރުން ކުލަގަދަ ފާހަގަކުރެއްވުމުގެ ތައްޔާރީތައް އެރަށު ކައުންސިލާއި ރައްޔިތުން ފަށްޓަވައިފިއެވެ. ތިނަދޫ ކައުންސިލުން ވިދާޅުވީ، އަންނަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ފާހަގަކުރައްވާ މިދުވަހަށް ތައްޔާރުވެވަޑައިގަތުމަށް އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރައްވަނީ، ސަރުކާރުން ތިނަދޫގައި ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތަށް ނިންމެވުމުގެ މަސައްކަތް ކަމަށެވެ. ދެކުނު ގަޑުބަޑު ނުވަތަ ދެކުނުގެ ހަތަރު އަތޮޅުގައި މީގެ 50 އަހަރުގެ ކުރިން ފެށުނު ބަޣާވާތާއި ގުޅިގެން އޭރުގެ ސަރުކާރުން ވަނީ ތިނަދޫ ރައްޔިތުން ރަށުން ފޭބުމަށް އަމުރުކުރައްވައި، އެންމެން ރަށުން ބާލުއްވާފައެވެ. އަދި 4 ފެބްރުއަރީ 1962 ގައި ތިނަދޫ ފަޅުރަށެއްގެ ގޮތުގައި ހަމަޖެހިގެންދިޔައެވެ. ތިނަދޫ ރައްޔިތުން މިހާރުވެސް އެކަން ސިފަކުރަނީ އެއީ ވަރަށް ބޮޑު އަނިޔާއެއްގެ ގޮތުގައި ތިނަދޫގައި ދެ ވަނަ ފަހަރަށް މީހުން ވަޒަންވެރިވީ ރަށް ފަޅުކުރިތާ ހަތަރު އަހަރު ފަހުން 1966 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 22 ވަނަ ދުވަހުގައެވެ. ތިނަދޫގައި މީހުން އާބާދުވިތާ 25 އަހަރު ފުރުންވެސް އެރަށުގައި މީގެކުރިން ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކޮށްފައިވެއެވެ.ޒަމާނަށް އަންނަމުންދާ ބަދަލުތަކާއިއެކު، ތިނަދުއަކީވެސް ތަރައްޤީގެ ރޮނގުން ކުރިއަރާފައިވާ ރަށަކަށް ވުމުން އާ ޚިޔާލުތަކާއި ވިސްނުންތަކުގެ އަލީގައި "އާބާދީ 50" ގެ ނަމުގައި ގދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވުން ފާހަގަކުރުމަށް ތިނަދޫ ކައުންސިލާއި އެންމެހައި ރައްޔިތުން ގުޅިވަޑައިގެން ގިނަ ޙަރަކާތްތަކެއް ރާއްވަވަމުން އެބަގެންދަވައެވެ. މިޙަރަކާތްތައް ފެއްޓެވުމަށް ކައުންޓްޑައުން އެއް 2 އަހަރު ކުރިން ވަނީ ފަށްޓަވާފައެވެ. މިހާރު ވަނީ "އާބާދީ 50" ގައި ކުރިއަށް ގެންދާނެ ޙަރަކާތްތައް ރޭއްވެވުމަށް ކޮމެޓީތައް އެކުލައްވާފައެވެ. ތިނަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އައްސަދު ވިދާޅުވީ، ސަރުކާރުންވެސް މަސައްކަތް ކުރައްވަނީ ތިނަދޫގައި ހިންގަވާ ތަފާތު މަޝްރޫޢުތައް ޖުލައިމަހުގެ ނިޔަލަށް ނިންމެވުމަށް ކަމަށާއި އެމަސައްކަތަށް ފުރިހަމަ އެއްބާރުލެއްވުން ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ދެއްވާނެކަމަށެވެ.ޑިސެމްބަރު މަހުގެ ސައުވީސް ވަނަ ދުވަހު ސޮއިކުރެވިގެންދިޔަ ތިނަދޫގެ މިއުޒިއަމް ޕާރކާއި އިންޑޯ ސްޕޯރޓްސް ކޮމްޕްލެކްސް އަކީ އެރަށުގައި މީހުން ދެވަނަ ފަހަރަށް އާބާދުވިތާ 50 އަހަރު ވުމުގެ މުނާސަބަތުގައި އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވާ ހަދިޔާއެއް ކަމުގައި ހައުސިންގ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މި މުނާސަބަތު ފާހަގަކުރުމަށް އެރަށުގައި ކުރާނެ ގިނަ ކަންތައްތައް ކަނޑައެޅިފައި ނުވިނަމަވެސް ގެންގުޅުއްވާ ބައެއް ވިސްނެވުންތައް ތިނަދޫ ކައުންސިލުން ވަނީ ޙިއްޞާކުރަވާފައެވެ. އޭގެތެރޭގައި ޘަޤާފީ ކުޅިވަރުތައް ކުޅުމާއި ފޮތެއް ޝާއިޢުކުރުމާއި މިޔުޒިމެއް ހުޅުވުމާއި އިޖްތިމާޢީ ބައެއް ޙަރަކާތްތައް ހިންގުން ހިމެނެއެވެ. އަދި ރަށުގެ އެކި ހިސާބުގައި އެކިވަރުގެ ޕާކުތައް ހެދުމަށް ގެންދަނީ މަސައްކަތްކުރަމުންނެވެ. މި މުނާސަބަތު ފާހަގަކުރުމަށް ކުރެވޭ ތައްޔާރީތަކުގެ އެންމެ މުހިންމު ބަޔަކީ އެރަށުގައި ހިންގާ ގިނަ މަޝްރޫޢުތަކެއް އެދުވަހަށް ނިންމެވުންކަމަށް ތިނަދޫ ކައުންސިލުން ހާމަކުރައްވައެވެ.