ޚަބަރު

ފަތުރުވެރިންގެ އަދަދު %100 ވުރެ މަތީގައި


ރާއްޖޭގެ ފަތުރުވެރިކަމުގައި ދާއިރާ މިދިޔަ އަހަރު ނިންމާލީ ގިނަ ކާމިޔާބީތަކަކާއި އެކުގައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 1،321،932 ފަތުރުވެރިންނެވެ. މިއީ 2020 ވަނަ އަހަރާއި އަޅާބަލާއިރު %138 އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއައި ފަތުރުވެރިންގެ އެވެރެޖަކީ ދުވާލަކަށް 3622 ފަތުރުވެރިންނެވެ. 2020 ވަނަ އަހަރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 2128 ފަތުރުވެރިންނެވެ.

2020 ވަނަ އަހަރު ކޯވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވި ގޮންޖެހުންތަކުން އަރައިގަނެ މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ދިޔައީ ބޮޑު ކުރިއެރުންތަކެއް ހޯދަމުންނެވެ. ފަތުރުވެރިން ޒިޔާރަތްކުރި ނަންބަރުތައް އިތުރުވުމަކީ މީގެ ހެއްކެކެވެ. މިިދިޔަ 2021 ވަނަ އަހަރު ރާއްޖެއަށް 1،321،932 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އޭގެ ކުރީ އަހަރު ރާއްޖެ ޒިޔާރަތްކުރީ 555،494 ފަތުރުވެރިންނެވެ.

އެއްދުވަހެއްގެ ތެރޭގައި މިދިޔަ އަހަރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އެތެރެވީ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު 7098 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިއީ ކޯވިޑަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައި ދުވަސްވެސްމެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައީ އަވައްޓެރި އިންޑިއާއިންނެވެ. ރާއްޖެއައި ފަތުރުވެރިންގެ %22.1 އަކީ އިންޑިއާ ފަތުރުވެރިންނެވެ. 2 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ %16.8 އެވެ. %7.2 އާއިއެކު 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޔޫކޭއިންނެވެ.