ވިޔަފާރި

ސޭޓުންގެ ގޮތުގައި ބިދޭސީން ތިބި 26 ފިހާރައެއް ޖޫރިމަނާކޮށްފި


ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ކެފޭ ފަދަ ތަންތަނުގައި
ބިދޭސީ ސޭޓުން ތިބިތޯ ބައްލަވަން ޑިޕާޓަމަންޓް އޮފް އިމިގްރޭޝަން އެންޑް
އެމިގްރޭޝަނުން ފެއްޓެވި ޚާއްޞަ އޮޕަރޭޝަނުގެ ދަށުން ޤަވާޢިދާ ޚިލާފު 26 ފިހާރައެއް
ޖޫރިމަނާކޮށްފިއެވެ.



އިމިގްރޭޝަނުން ވިދާޅުވީ ބިދޭސީން ކައުންޓަރުތަކުގައި
ތިބޭތޯ ބެލުމަށް ފެއްޓެވި ޚާއްޞަ މަސައްކަތުގައި 50 ފިހާރައެއް ޗެކްކުރައްވާފައިވާކަމަށެވެ.




އޭގެތެރެއިން 26 ފިހާރައިގައި ބިދޭސީ ސޭޓުން
ބައިތިއްބާފައިވާތީ އެ ފިހާރަތައް 10،000 ރުފިޔާއިން ޖޫރިމަނާކުރައްވާފައިވާ
ކަމަށް އިމިގްރޭޝަނުން ހާމަކުރެއްވިއެވެ. އެގޮތުން މިފަހަރު ދިހަހާސް ރުފިޔާއިން
ޖޫރިމަނާ ކުރެއްވިނަމަވެސް ދެވަނަ ފަހަރަށް ޗެކްކުރައްވާއިރު މި ފިހާރަތަކުގައި
ސޭޓުންގެ ގޮތުގައި ބިދޭސީން ތިބޭނަމަ އެއަށްވުރެ ބޮޑު ޢަދަދަކުން ޖޫރިމަނާ ކުރައްވާނެކަމަށް
އިމިގްރޭޝަނުން ވިދާޅުވިއެވެ.



ޤަވާޢިދުގައިވާގޮތުން ބިދޭސީ ސޭޓުން ބައިތިއްބާނަމަ
10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ފިހާރަތަކާއި ކެފޭ އަދި
ރެސްޓޯރަންޓްތަކުގައި ސޭޓުންނަށް ބިދޭސީން ބައިނުތިއްބޭ ގޮތަށް ސަރުކާރުން
ހަމަޖެއްސެވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެނެވެ. މިކަމުގެ ބޭނުމަކީ
ވަޒީފާ ނެތް ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވުމެވެ.