ޚަބަރު

އިންޑޮނޭޝިޔާއިން ބޯޓުދެލި އެކްސްޕޯޓުކުރުން ވަގުތީގޮތުން މަނާކޮށްފި


ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް ތާރމަލް ކޯލް ނުވަތަ ބޯޓުދެލި އެކްސްޕޯޓުކުރާ އިންޑޮނޭޝިޔާއިން، މި ޖަނަވަރީ މަހު ބޯޓުދެލި އެކްސްޕޯޓުކުރުން މަނާކޮށްފިއެވެ.

މި ނިންމުމަކީ އިންޑޮނޭޝިޔާގެ އިންޖީނުގެތަކަށް ބޭނުންވާވަރަށް ބޯޓުދެލި ނުލިބި، ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެކަމުގެ ބިރު ހީވުމާގުޅިގެން ނިންމި ވަގުތީ ނިންމެމެއް ކަމަށާ، މި ނިންމުން، ޖަނަވަރީމަހުގެ 5ވަނަ ދުވަހު އިތުރަށް ދިރާސާކުރާނެކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރައްވައެވެ.

އިންޑޮނޭޝިޔާގެ ހަކަތަޔާބެހޭ ވުޒާރާގެ އިސް އޮފިޝަލުން ހާމަކުރައްވާގޮތުގައި، އެޤައުމުގެ ޑޮމެސްޓިކް މާކެޓް އޮބްލިގޭޝަން ޕޮލިސީގެ ދަށުން، ބޯޓުދެލި ނެގުމުގެ މަސައްކަތްކުރާ ފަރާތްތަކުން، ކޮންމެ އަހަރަކު ނެގޭ ބޯޓުދެލީގެ %25، އެޤައުމުގެ ސްޓޭޓް ޔުޓިލިޓީ ކުންފުންޏަށް، ޓަނެއް 70 ޑޮލަރަށްވުރެ އަގު ބޮޑުނުވާގޮތަށް ވިއްކަންޖެހެއެވެ.

ނަމަވެސް މިދިޔައަހަރުގެ ހުރިހާ މަހެއްގައި ބޯޓުދެލި ލިބިފައިވަނީ ޕޮލިސީގައި ބުނާ ޢަދަދަށްވުރެ މަދުން ކަމަށާއި، އަހަރު ނިމުނުއިރު ސްޓޮކްޕައިލް ޑެފިސިޓް ވެފައިވާކަމަށް އޮފިޝަލުން ހާމަކުރައްވައެވެ. އެހެންކަމުން ހުރިހާ ކުންފުންޏަކަށް ބޯޓުދެލި އެކްސްޕޯޓުކުރުން މަނާ ނުކުރާނަމަ، 10،850 މެގަވޮޓުގެ ކަރަންޓު އުފައްދާ 20 ޕަވަރ ޕްލާންޓެއްގެ ޚިދުމަތް ކެނޑި، ގިނަ ސަރަޙައްދުތަކުން ކަރަންޓު ކެނޑިގެންދާނެކަމަށް ހަކަތަޔާބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.

މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިންޑޮނޭޝިޔާގެ ކޯލް މައިނިންގް އެސޯސިއޭޝަނުން ބުނެފައިވަނީ، އެކްސްޕޯޓުކުރުން ހުއްޓުމުން، އެޤައުމުން ކޮންމެ ޖަނަވަރީއެއްގައި ބޭރުކުރަމުންދާ 30 މިލިއަން ޓަނުން ލިބެންޖެހޭ ފައިދާ ނުލިބުމުގެ އިތުރުން، ކޮންމެ މަހަކު 38 އާއި 40 މިލިއަން ޓަނާދެމެދު ނަގަމުންދާ ބޯޓުދެލީގެ މިންވަރު ހިފެހެއްޓުމުގައި ބޮޑެތި މައްސަލަތައް ދިމާވާނެކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ބޯޓުދެލީގެ އަގު އުފުލިގެން ދާނެކަމަށާއި، އިންޑޮނޭޝިޔާގެ އެކްސްޕޯޓަށް ބަރޯސާވެގެންތިބި ފަރާތްތަކުން ރަޝިޔާ، އޮސްޓްރޭލިޔާ ނުވަތަ މޮންގޯލިއާއިން ބޯޓުދެލި ގަންނަން ފަށާނެކަމަށް ދާއިރާ ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.

އިންޑޮނޭޝިޔާއިން 2021 ވަނަ އަހަރު 400 މިލިއަން ޓަނާ ގާތްކުރާ ޢަދަދަކަށް ބޯޓުދެލި އެކްސްޕޯޓުކޮށްފައި ވާއިރު، އެންމެ ގިނައިން މި މަޢުދަން އެތެރެކުރާ ޤައުމުތަކުގެ ތެރޭގައި ޗައިނާ، އިންޑިޔާ، ޖަޕާން އަދި ދެކުނު ކޮރެއާ ހިމެނެއެވެ.

އިންޑޮނޭޝިޔާއިން ބޭނުންކުރާ ހަކަތައިގެ ގާތްގަނޑަކަށް %60 ޙިއްސާ ކުރަނީ ބޯޓުދެލި ކަމަށްވާތީ، މި މަޢުދަން ހުސްވިޔަނުދިނުމަށް އެޤައުމުން ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެގޮތުން މިދިޔައަހަރުގެ އޯގަސްޓުމަހު އިންޑޮނޭޝިޔާއިން ވަނީ އެއަހަރުގެ ޖަނަވަރީ އިން ޖުލައި ގެ ނިޔަލަށް ޑޮމެސްޓިކް މާކެޓް އޮބްލިގޭޝަން ޕޮލިސީއާ ޚިލާފުވެފައިވާ 34 ކުންފުންޏަކަށް، ބޯޓުދެލި އެކްސްޕޯޓުކުރުމަށް ދީފައިވާ ހުއްދަ ހިފަހައްޓާފައެވެ.