ޚަބަރު

3 ޤައުމަކާއެކު އެމެރިކާއިން ވިޔަފާރި ގުޅުން ކަނޑާލައިފި


އެމެރިކާއާ އެފްރިކާއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުން، އެފްރިކާގެ 3 ޤައުމެއް ވަކިކޮށްފިކަމަށް އެމެރިކާ ސަރުކާރުން ހާމަކުރައްވައިފިއެވެ.

އެމެރިކާގެ ވިޔަފާރިއާބެހޭ އިދާރާއިން ޖަނަވަރީ 1، 2022ގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ދެ ޤައުމުގެ ދެމެދުގައި 2000ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ވިޔަފާރީގެ އެއްބަސްވުން ކަމަށްވާ "އެފްރިކަން ގްރޯތް އެންޑް އޮޕޮޗުނިޓީ އެކްޓް" ގެ އުޞޫލުތަކާއި ޚިލާފުވެފައިވާތީ، އިތިއޯޕިއާ، މާލީ، އަދި ގިނީ، މި ވިޔަފާރި އެއްބަސްވުމުން ބޭރުކޮށްފައިވާ ކަމަށެވެ.

އެފްރިކާގެ އުފެއްދުންތަކުގެ އިމްޕޯޓް ޓެކްސް ލުއިކޮށްދީ، ޑިއުޓީއަކާ ނުލައި އެމެރިކާގެ ބައެއް އުފެއްދުންތައް އެތެރެކުރެވި، ދެ ޤައުމުގެ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ބިނާކުރުމަށް އެހީތެރިވުމަށް އެމެރިކާއިން އެކުލަވާލާފައިވާ މި ވިޔަފާރި އެއްބަސްވުމުގެ ދަށުން، އެމެރިކާގެ މުދާ އެ ސަރަޙައްދެއްގެ ކަސްޓަމުން އެތެރެކުރުން މަނާ ނުކުރުމަށާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ޤަވާޢިދާ އެއްގޮތަށް އިދާރާތައް ހިންގުމުގެ އިތުރުން، މަސައްކަތްތެރިންނަށް ޙިމާޔަތާއި ރައްކަތެރިކަން ދިނުމަށް، މި އެއްބަސްވުމުގައި ހިމެނޭ ޤައުމުތަކަށް ލާޒިމުކުރެއެވެ.

ނަމަވެސް އެއްބަސްވުމުން ވަކިކުރި 3 ޤައުމުންވެސް، ބައިނަލްއަޤްވާމީގޮތުން ބަލައިގެންފައިވާ އިންސާނީ ޙައްޤުތަކަށް އަރައިގަނެ، ޚާއްޞަކޮށް އިތިއޯޕިއާގައި މިހާރުވެސް ހިނގަމުންދާ ދާޚިލީ ކޯޅުންތަކުގައި އެޤައުމުގެ ސަރުކާރުން އިންސާނީ ޙައްޤުތަކާ ޚިލާފަށް ޢަމަލުކުރަމުންދާކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކުރައްވައެވެ. އަދި މާލީ އާއި ގިނީގެ ސަރުކާރު ހިންގުމުގައި ޤާނޫނާ ޚީލާފަށް ކަންކަން ކުރަމުންދާތީ ކަންބޮޑުވާކަމަށް އެމެރިކާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ބެއްލެވުމުގެ ދަށުން އެކުލަވާލި މި ވިޔަފާރި އެއްބަސްވުން 2015 ގައި އައުކޮށް، 2025 ގެ ނިޔަލަށް އެއްބަސްވުން ދެމެހެއްޓުމަށް އެމެރިކާގެ ކޮންގްރެސް އިން ވަނީ ނިންމާފައެވެ. ފާއިތުވި 2020 ވަނަ އަހަރުގެ ނިޔަލަށް 38 ޤައުމަކުން މި އެއްބަސްވުމުގައި ބައިވެރިވުމަށް ޝަރުޠު ހަމަވާކަމަށް އެމެރިކާގެ ވިޔަފާރިއާބެހޭ އިދާރާގެ ވެބްސައިޓުގައި ބުނެފައިވެއެވެ.