ޚަބަރު

ހޯމްސްޓޭގެ ސަބަބުން ގެސްޓްހައުސްތަކަށް ދިމާވާނެ ހުރަހެއް ނެތް - ގޭމްގެ ރައީސް


ރާއްޖޭގެ ފަތުރުވެރިކަމަށް މުޅިން އައު ކޮންސެޕްޓެއްކަމަށްވާ "ހޯމް ސްޓޭ" މިހާރު މިވަނީ ތަޢާރަފްކޮށްފައެވެ. ހޯމް ސްޓޭ ފަތުރުވެރިކަމަކީ، އެރަށެއްގައި ދިރިއުޅޭ ބަޔަކާއެކު އެއް ގެއެއްގައި ފަތުރުވެރިން ޗުއްޓީ ހޭދަ ކުރާ ބާވަތުގެ ފަތުރުވެރިކަމެވެ. މި ބާވަތުގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ހިންގާ އެއް މޮޑެލެވެ.

ރާއްޖެއަށް ހޯމްސްޓޭ ތައާރަފްކުރުމާގުޅިގެން ބައެއް ފަރާތްތަކުން ދިޔައީ މިއީ ގެސްޓްހައުސްތައް ހަލާކުކޮށްލާނެ ކޮންސެޕްޓެއްކަމަށް ބުނަމުންނެވެ. ހޯމް ސްޓޭގެ ސަބަބުން ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ ޢަދަދު މަދުވެ އާމްދަނީ ދަށްވެގެންދާނެކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރިއެވެ.

ނަމަވެސް ހޯމް ސްޓޭ ތައާރަފްކުރުމަށް މ.ދިއްގަރުގައި ބޭއްވި ރަސްމިއްޔާތުގައި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް، ޢަބްދުﷲ ނަޝީދު ވަނީ މި ކަންބޮޑުވުންތަކަށް ވަރަށް ރަނގަޅަށް ރައްދުދެއްވާފައެވެ. އޭނާ ވިދާޅުވީ، ހޯމް ސްޓޭގެ ސަބަބުން ގެސްޓްހައުސްތަކަށް ދިމާވާނެ އެއްވެސް ހުރަހެއް ނޯންނާނެކަމަށެވެ. 2010ވަނަ އަހަރު ގެސްޓްހައުސް ސިނާއަތް ފެށިގެން އައިއިރު ގެސްޓްހައުސްތަކުގެ ސަބަބުން ރިސޯޓްތަކަށް ގެއްލުން ލިބޭނެކަމަށް ބައެއް މީހުން ބުނިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ހަޤީޤަތުގައި ގެސްޓްހައުސްތަކުގެ ސަބަބުން ރިސޯޓްތަކަށް ލިބުނީ ފައިދާކަން ނަޝީދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުދެކޭގޮތުގައި ހޯމްސްޓޭގެ ސަބަބުން ގެސްޓްހައުސްތަކަށް ދިމާވާނެ އެއްވެސް ހުރަހެއް ނޯންނާނެ. 2010ވަނަ އަހަރު ގެސްޓްހައުސްތައް ތައާރަފްކުރުމުން ރިސޯޓްތަކަށް ގެއްލުންވާނެކަމަށް ދެކުނު ބަޔަކުވެސް އުޅުނު. އެކަމަކު ކިހިނެތްތޯވީ. ގެސްޓްހައުސްތަކުގެ ސަބަބުން ރިސޯޓްތަކަށް ލިބުނީ އިތުރު އާމްދަނީއެއް. ގެސްޓްހައުސްގެ ސަބަބުން އޮކިއުޕަންސީ ވެއްޓުނު އެންމެ ރިސޯޓެއްވެސް ނެތް. ޑޭޔޫސްއަށް ބޮޑުއަގުދީގެން އަޅުގަނޑުމެންނަށް އަންނަ ފަތުރުވެރިން އެރަށްރަށައް ގެންދިޔައީމައި އެތަންތަނުގެ ރެވެނިއު ދިޔައީ މަތިވެގެން." އަބްދުﷲ ނަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހޯމް ސްޓޭ އަދި ގެސްޓްހައުސްއެއް ހެދިޔަސް އެތަނަކަށް ފަތުރުވެރިން އަންނާނީ އެތަން ރަނގަޅަށް މާކެޓްކުރެވިގެންކަމަށެވެ. މިޒަމާނުގައި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން މާކެޓްކުރުމަކީ ވަރަށް ފަސޭހަކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ހޯމްސްޓޭ އަދި ގެސްޓްހައުސްއެއް އެޅިއަކަސް ގެސްޓުންނެއް ނާންނާނެ. ކޮންމެ ތަނަކަށްވެސް ގެސްޓުން އަންނަނީ އެތަނެއް ހުރި ލޮކޭޝަނާއި، އެތަނަކުން ލިބޭނެ ޚިދުމަތްތަކާއި، އެތަނަކަށް އައުމަށް ރާއްޖޭގެ ރީތިކަމާއި ކަނޑުއަޑީގެ ހިތްގައިމު ތަޖްރިބާކޮށްލެވޭނެ ގޮތްތައް ދުނިޔޭގެ ކަންކޮޅުތަކުގައި އިސްތިހާރުކޮށް މާކެޓްކޮށްގެން. މިކަމަކީ ސޯޝަލްމީޑިއާގައި މިޒަމާނުގައި ވަރަށް ފަސޭހައިން ކޮށްލެވޭނެކަމެއް." އަބްދުﷲ ނަޝީދު ވިދާޅުވިއެވެ.

ވޭތުވެދިޔަ ދޮޅު އަހަރަކީ ގެސްޓްހައުސްތަކަށް އެންމެ ބޮޑު ގޮންޖެހުމެއް ދިމާވި އެއް ދުވަސްވަރެވެ. ނަމަވެސް ކޯވިޑުގެ ޙާލަތާ ގުޅިގެން ބަންދުކުރުމަށްފަހު އްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން ގެސްޓްހައުސްތައް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހިތްވަރު ލިބިގެންދިޔަކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ. ކޯވިޑްއާއިއެކު ބޯޑަރު ހުޅުވާލި މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިނެނުމަކީ މި ސަރުކާރުން އެޅުއްވި ވަރަށް ރަނގަޅު ފިޔަވަޅެއްކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.