ޚަބަރު

އޮޕަރޭޝަން ރިވެލި: 99 މީހަކު ބަލައިފާސްކޮށް، 3 މީހަކު ހައްޔަރުކޮށްފި


އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން "އޮޕަރޭޝަން ރިވެލި" ގެ ތެރެއިން 99 މީހަކު ބަލައި ފާސްކޮށް، 3 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، "އަޮޕަރޭޝަން ރިވެލި"ގެ ތެރެއިން އިއްޔެ ހަވީރު 4:00 އިން ފެށިގެން މިއަދުގެ ހެނދުނު 06:00 އާ ހަމައަށް 789 ސަރަހައްދަކާއި 387 އުޅަނދު ބަލައިފާސްކޮށްފައިވާކަމަށެވެ. އަދި 99 މީހަކު ބަލައިފާސްކޮށްފައިވާއިރު ހުއްޓުވައި ސުވާލުކޮށް 504 މީހަކު ވަނީ ފޮނުވާލާފައެވެ. މި ވަގުތުތަކުގެ ތެރޭގައި އެކި މައްސަލަތަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

މީގެ އިތުރުން އިއްޔެ ހަވީރުން ފެށިގެން މިއަދުު ހެނދުނު 06:00 އާހަމައަށް ފޭރުމުގެ 2 މައްސަލައަކާއި ވައްކަމުގެ 4 މައްސަލައަކާއި، މަސްތުވާތަކެތީގެ މައްސަލައެއްގެ އިތުރުން މާރާމާރީގެ 3 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އަދި ޓްރެފިކް ވައިލޭޝަންތަކާ ގުޅިގެން 13 މީހަކު ޖޫރިމަނާކޮށް، 6 އުޅަނދެއްވަނީ ޓޯވކޮށްފައެވެ. ފުލުހުން ވިދާޅުވީމ ކަނޑުމަތީގެ ވައިލޭޝަންތަކުގައި 5 ފަރާތްތަކަށް ނަސޭހަތްތެރިވެފައިވާކަމަށެވެ.

އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގެ ތެރެއިން ކޯވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގައިޑްލައިންތައް ތަންފީޒުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން އިއްޔެ ހަވީރުން ފެށިގެން މިއަދުގެ ހެނދުނު 06:00 އާހަމައަށް މާސްކު ނާޅާ އުޅުމުގެ ސަބަބުން 6 މީހަކަށް ނަސޭހަތްތެރިވެ، 2 މީހަކު ޖޫރިމަނާކޮށްފައިވެއެވެ.

މިދިޔަ ޑިސެމްބަރު 24 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި މާލެތެރެ ޕެޓްރޯލް ކުރުމުގެ އިތުރުކޮށް، ދަންވަރު ވަގުތުތަކުގައި އެެއްވެސް ބޭނުމެއްނެތި މާލެތެރޭގައި އުޅޭ މީހުންނާ ސުވާލުކުރުމާއި ކްރައިމް ހޮޓްސްޕޮޓްތައް ބަލައިފާސްކުރުމުގެ މަސައްކަތްތައް ކުރަމުންދާނެއެވެ. އަދި މި އޮޕަރޭޝަނުގައި އާންމުކޮށް މާލެތެރޭގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން އިތުރު ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.