ޚަބަރު

ރާއްޖެއައި އެއަރލައިންތައް އިތުރުވީ އެކަށީގެންވާ ޕެކޭޖްތައް ދެވުމުން - އެމްއޭސީއެލް


އެއަރލައިންތަކަށް އެކަށީގެންވާ ވިޔަފާރި ޕެކޭޖްތަކެއް ދެވުމަކީ ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައް އިތުރުވެގެންދިޔަ ސަބަބެއްކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމާއި ގުޅިގެން އެމް.އޭ.ސީ.އެލް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރ އިބްރާހީމް ޠާހާ ވިދާޅުވީ، ފާއިތުވި އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3.1 މިލިއަނަށްވުރެ އިތުރުވުމަކީ، ދިވެހިރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިސްތިހާރުކުރުމަށް މި ސިނާއަތުގެ ހުރިހާ ފަރާތްތައް ގުޅިގެން ކުރިމަސައްކަތުގެ ނަތީޖާ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ހިއްސާދާރެއްގެ ހައިސިއްޔަތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ އެއަރލައިންތަކަށް އެކަށީގެންވާ ވިޔަފާރި ޕެކޭޖްތަކެއް ދެވުމަކީ ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައް އިތުރުވެގެންދިޔަ ސަބަބެއްކަމަށް ޤަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއާއި އެކު ކޯވިޑުގެ ބަލިމަޑުކަމާއިއެކު ދަތުވެރިންގެ ރައްކާތެރިކަމަށް އެއަރޕޯޓުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަނީ އޭ.ސީ.އައިގެ ހެލްތު އެކްރެޑިޓޭޝަން ސެޓްފިކެޓްވެސް ލިބިފައި ކަމަށާ މިއީ އޭޝިޔާ ޕެސިފިކް ސަރަހައްދުން މި އެވޯޑް ލިބުނު ދެވަނަ އެއަރޕޯޓުކަން ޠާހާ ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުالله މަޢުސޫމް ވިދާޅުވީ 2021ވަނަ އަހަރަކީ ތަފާތު ގިނަ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެއްކަމަށެވެ. އެގޮތުން ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާ އެނދުގެ ޢަދަދު %4.9، އިތުރުވެފައިވާއިރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދުވެސް ވަނީ ރެކޯޑު ޢަދަދަކަށް މަތިވެފައެވެ. އަދި ވިދިވިދިގެން ދެއަހަރު "ވޯލްޑް ޓްރެވަލް އެވޯޑްސް" ގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް" ޙާސިލުކޮށް ރާއްޖެ ވަނީ ދުނިޔޭގައި ނަމޫނާ މަންޒިލެއްގެ ގޮތުގައި ވިދާލާފައެވެ.

އެމްއެމްޕީއާރސީގެ ޗީފް އެކްސެކިޓިވް އޮފިސަރ އަދި މެނޭޖިންގް ޑިރެކްޓަރ، ޠައްޔިބް މުޙައްމަދު ވިދާޅުވީ ފާއިތުވި 2 އަހަރު ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޯވިޑް-19 ގެ ސަބަބުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވިކަމަށެވެ. ނަމަވެސް މިކަންކަމުން އަރައިގަނެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާތީ އެކަމާ ހިތްހަމަޖެހުން ފާޅުކުރައްވައި ޠައްޔިބް ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގާ ޝާމިލްވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކުން ކުރިމަތިލާފާވަނީ ފޮނި އުންމީދުތަކާއެކު، އެންމެން އެކުގައި، އެއް އަޒުމެއްގައިކަމާމެދު އެއްވެސް ޝައްކެއްނެތްކަމަށެވެ.

ޠައްޔިބް ވިދާޅުވީ މިއަދު، 2022ވަނަ އަހަރުގެ ފުރަތަމަ ފަރުތުވެރިޔާއަށް މަރުޙަބާ މިކިޔަނީ އެ ފޮނި އުންމީދުތަކާ އެކުގައިކަމަށެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރުގެ ތެރެއަށް އިތުރު ފިޔަވަޅެއް މިއަދު މިއަޅަނީ އެކުވެރިކަމާއެކުގައި މަސައްކަތް ކުރުމުގެ އަޒުމުގައި ކަމަށްވެސް ޠައްޔިބް ވިދާޅުވިއެވެ.

ރާއްޖެ ދުނިޔޭގެ ފެންވަރުގައި އިސްތިހާރުކުރުމުގެ ޒިންމާ އުފުލާ ބެލެނިވެރި ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީން މިދިޔަ އަހަރުގެ ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 24 މާކެޓެއްގައި 244 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރ، އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑް ޝޯވތައް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.