ޚަބަރު

ގިނަ ޤައުމުތަކުން ބައިވެރިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށައިފި


ދުނިޔޭގައި މިހާތަނަށް އެކުލަވާލާފައިވާ އެންމެ ފުޅާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ކަމަށްވާ، "ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާރޓްނަރޝިޕް"އަށް ޢަމަލުކުރަން މިއަދު ފަށައިފިއެވެ.

15 ޤައުމެއްގެ މެދުގައި 2020ވަނަ އަހަރުގެ ނޮވެމްބަރުމަހު ސޮއިކުރެވުނު މި އެއްބަސްވުމުގެދަށުން، ކުރިން ހެދިފައިއޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުންކަމަށްވާ "އެސޯސިއޭޝަން އޮފް ސައުތްއީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ޕްލަސް ވަން" ގައި ހިމެނޭ ބައިތަކުގެ އިތުރަށް އެހެނިހެން ބައިތަކަކާއެކު، މާކެޓް އެކްސެސް އާއި ސަޕްލައި ޗެއިން އެކްސެސް ލިބުމުގައި ވިޔަފާރިތަކަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ސިންގަޕޫރުން ހާމަކުރެއެވެ.

އަލަށް ޢަމަލުކުރަންފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ސިންގަޕޫރުގެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީ، ގަން ކިމް ޔޮންގް، ވިދާޅުވީ އެއްބަސްވުމުގައި ހިމެނޭ ޤައުމުތަކުގެ މެދުގައި ކުރާ ވިޔަފާރިތަކުގައި ހިމެނޭ ގާތްގަނޑަކަށް %92 މުދާ އެތެރެކުރުމަށް ނަގާ ޓެކްސް، މި އެއްބަސްވުމުގެ ދަށުން މަޢާފުވާނެކަމަށެވެ. އަދި ވިޔަފާރީގެ މުޢާމަލާތްތަކުގައި ބައިވެރިވުމަށް ޕަފޯރމެންސް ރިޕޯޓު ހުށަހަޅަން ނުޖެހުމާއި، އިންޓެލެކްޗުއަލް ޕްރޮޕަޓީ، އީ ކޮމާރސް އަދި ވިޔަފާރީގެ ވާދަވެރިކަމަށް ޚާއްޞަ ޕޮލިސީތަކެއް ހުރުމުން ވިޔަފާރިތަކަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.

20 ބާބު ހިމެނޭ މި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ދުނިޔޭގެ ގްރޮސް ޑޮމެސްޓިކް އުފެއްދުންތަކުގެ ގާތްގަނޑަކަށް %30 އަދި ދުނިޔޭގެ އާބާދީގެ %30 ޙިއްސާކުރެއެވެ. މި އެއްބަސްވުމުގެދަށުން ވިޔަފާރިތަކަށް ޚާއްޞަ އެކްސެސް ލިބޭ މުދަލުގެ ތެރޭގައި މިނެރަލް ތެލުގެ ބާވަތްތަކާއި، ޕްލާސްޓިކާއި، ތަފާތު ކެމިކަލްތަކުގެ އިތުރުން، ޖަޕާނާއި ޗައިނާ ފަދަ ބާޒާރުތަކުން ވިއްކާ ކެއިން ބުއިމުގެ ބާވަތްތައް ހިމެނެއެވެ.

މިވަގުތު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ލިޔެކިޔުންތައް ފުރިހަމަކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ސިންގަޕޫރ، އޮސްޓްރޭލިޔާ، ޗައިނާ، ޖަޕާން، ތައިލެންޑް، ނިއުޒިލެންޑް، ބުރުނާއީ، ކެމްބޯޑިއާ، ލާއޯސް، އަދި ވިއެޓްނާމެވެ.

ސިންގަޕޫރުން ހާމަކުރާގޮތުން މި އެއްބަސްވުމުގެ ފުރިހަމަ ބޭނުން ހިފަން ފެށޭނީ ކުރިއަށްއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، ހުރިހާ މެމްބަރު ޤައުމަކުން އެއްބަސްވުމުގެ ލިޔެކިޔުންތައް ހުށަހަޅައި ނިމުމުންނެވެ.