ޚަބަރު

މިއަހަރު ރާއްޖެއައި ފުރަތަމަ ފަތުރުވެރިއަކީ އިނގިރޭސި އަންހެނެއް!


ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފިއެވެ. މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ އަންހެނެކެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި، އެމްއޭސީލްއެލްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ޚާއްސަ ޙަރަކާތެއް ބާއްވައެވެ. މިއަހަރުވެސް ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ވަނީ ޚާއްސަ ޙަރަކާތްތަކެއް ބާއްވާފައެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިއަކީ އިނގިރޭސިިލާތުގެ އަންހެނެއްކަމަށްވާ ޖޯޖީނާއެވެ. އޭނާ ރާއްޖެ އައިސްފައިވަނީ ގަލްފް އެއަރއިންނެވެ. ރާއްޖެއައީ އޭނާގެ ފިރިމީހާ ސްޓީވްއާ އެކުގައެވެ. މިއީ އެދެމީހުން ރާއްޖެ އައި 2ވަނަ ފަހަރެވެ. ޖޯޖީނާ ބުނީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާގެ ޝަރަފު ލިބުމުން ވަރަށް އުފާވާކަމަށެވެ.

ޖޯޖީނާގެ ފިރިމީހާ ސްޓީވް ބުނީ އެ 2 މީހުން އެންމެ ފުރަތަމަ ރާއްޖެ އައީ މިދިޔަ އަހަރުކަމަށެވެ. ދަތުރު ނިންމާލާފައި އެނބުރި ޤައުމަށް ދިޔައިރުވެސް ދެން ރާއްޖެ އާދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބިކަމަށެވެ. އެމީހުންގެ ރަހުމަތްތެރިންނާއި އާއިލާގެ މީހުންނަށް ރާއްޖެ އައުމަށް ލަފާދޭކަމަށެވެ. ރާއްޖެއަކީ ރީތި ޤައުމެއްކަން ފާހަގަކޮށް އޭނާބުނީ ރާއްޖެއިން ލިބޭ މެހެމާންދާރީއަކީ ރާއްޖެ އިތުރަށް ފުރިހަމަވެގެންދާކަމެއްކަމަށެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ނުވި ނަމަވެސް އެމީހުން ރާއްޖެ އާދެވުމުން އުފާވާނެކަމަށް ޖޯޖީނާއާއި އޭނާގެ ފިރިމީހާ ވަނީ ބުނެފައެވެ. އެމީހުން މިދަތުރުގައި 11 ދުވަސް ރާއްޖޭގައި ހޭދަކުރާނެއެވެ.