ޚަބަރު

އާއަހަރުގެ ފުރަތަމަ ދުވަހު ކޯވިޑް ވެކްސިންއާއި، ސާމްޕަލް ނެގުން މެދުކަނޑާލަނީ


އާއަހަރުގެ ފުރަތަމަ ދުވަހު ކޯވިޑް-19ގެ ސާމްޕަލް ނެގުމާއި، ވެކްސިން ދިނުމުގެ ޕްރޮގުރާމު ކުރިއަށްނުގެންދާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިގޮތަށް ނިންމާފައިވަނީ އާއަހަރުގެ ފުރަތަމަ ދުވަހު ވެކްސިން ސެންޓަރުތަކުގައާއި، ސަމްޕަލް ނެގުމުގައި ހަރަކާތްތެރިވާ ބޭފުޅުންނަށްވެސް ޗުއްޓީ ދުވަހެއްގެ ގޮތުގައި ހެދުމަށެވެ. މާލެ ސަރަހައްދުގައި ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ސާމްޕަލްތައް ނަގަމުން ދަނީ ސޯޝަލް ސެންޓަރާއި ވިލިމާލޭގައި އެކަމަށް ޚާއްސަކޮށްފައި ހުރި ސެންޓަރުތަކުންނެވެ. އަދި ސެނަހިޔާ އާއި ވިލިމާލޭގައިވެސް ވަނީ ކޯވިޑަށް ޚާއްސަކޮށްގެން ފުލޫ ކްލިނިކްތަކެއް ޤާއިމްކޮށްފައެވެ.

އަލާމާތްތައް ނުފެންނަ މީހުންނަށް ސާމްޕަލް ކަލެކްޝަން ސެންޓަރުތަކުން ސާމްޕަލް ނެގޭނެއެވެ. އެއީ ސޯޝަލް ސެންޓަރުގައި ހަދާފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރުންނެވެ. ފަހަކަށް އައިސް އެވްރެޖްކޮށް ދުވާލަކު ނަގާ ސާމްޕަލްގެ އަދަދު އުޅޭނީ 3،000 އިން މަތީގައެވެ.

ކޯވިޑްގެ ވެކްސިން ދިނުމުގެ މަސައްކަތް މާލެ ސަރަހައްދުގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. މީގެއިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.