ޚަބަރު

ފްލައިޓްގައި ހިނގި ހާދިސާއާއި ރައީސްގެ ދަތުރުފުޅާ ގުޅުމެއް ނެތް


ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތިއްބެވި ފްލައިޓްގެ އެތެރޭގައި މިއަދު ހިނގި ހާދިސާއާއި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ދަތުރުފުޅާއި އެއްވެސް ގުޅުމެއް ނެތްކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.މިއަދު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތައިލެންޑަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި އޮތް ފްލައިޓްގައި ހިނގި ޙާދިސާއަކާ ގުޅިގެން ފުލުހުންވަނީ 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަޙްޤީގް ކުރުމަށްފަހު ދޫކޮށްލާފައެވެ.ފުލުހުން ވިދާޅުވީ މި ޙާދިސާ ހިނގިވަގުތު އެބޯޓުގައި ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީންގެ ދެކަނބަލުން ތިއްބެވުމަކީ އިއްތިފާގެއްކަމަށެވެ.ފުލުހުން ވިދާޅުވީ ބެންކޮކް އެއާވޭޒް ފްލައިޓް 712 ގައި ތިބި ޕެސެންޖަރުންގެތެރެއިން 5 ދިވެއްސެއްގެ ޢަމަލުތައް ހުރިގޮތުން އެބޯޓުގައި އެވަގުތު ތިބި ފަތުރުވެރިންގެ ޢާއިލާއަކަށް އުފެދުނު ޝައްކަކާއި ގުޅިގެން ހުށަހެޅުނު ޝަކުވާ އަކާއި ގުޅިގެން މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ. އަދި އެފަދަ ޙާލަތުގައި ޢަމަލުކުރާ އުޞޫލުގެމަތިން ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުންނާއި އެ ފަސިންޖަރުންގެ ލަގެޖް ބޯޓުން ބާލައި، ފަސިންޖަރުންނާ ފަސިންޖަރުންގެ ލަގެޖް އަލުން ބަލައި ފާސްކުރެވުނު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.މި ހާދިސާއާއި ގުޅިގެން ބޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 5 ދިވެހިން ދޫކޮށްލާފައިވަނީ، އެމީހުންނާއި ސުވާލުކޮށް ކުރެވުނު ތަހްޤީޤުން އެމީހުން ބޯޓުގައި ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެފަދަ ކަމެއް ކޮށްފައި ނުވާކަމާއި، ޝަކުވާ ހުށަހެޅި ފަރާތުންހުށަހެޅި ޝަކުވާއަކީ އެފަރާތަށް އެހާދިސާ ސިފަވިގޮތުން ކުރި ޝަކުވާއެއްކަމާއި، ބޯޓުގެ ސަލާމަތީ ކަންކަމަށް އަސަރުކުރާފަދަ އެއްވެސް ކަމެއް ދިވެހި ޕެސެންޖަރުން ކޮށްފައި ނުވާކަން ސާފުވުމާއި ގުޅިގެން ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.