ޚަބަރު

ފެނަކައިން އަހަރު ނިންމާލީ، ހަވާލުކުރި މަސައްކަތުގެ ސައްތައިން ސައްތަ ރެކޯޑަކާއެކު


ސަރުކާރުން އަތޮޅު ތެރޭގެ ރަށްތަކުގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރި މަސައްކަތުގެ ސައްތައިން ސައްތަ މަސައްކަތާއެކު އަހަރު ނިންމާލައިފިއެވެ. ފެނަކައަކީ ރާއްޖޭގެ އެންމެ ގިނަ ރަށްތަކުގައި ފެނާއި، ނަރުދަމާ، އަދި ޒަމާނީ އިންޖީނުގޭގެ މަސައްކަތް ކުރަމުންދާ ކުންފުންޏެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވި އިރުވެސް އަތޮޅުތެރޭގެ ގިނަ ރަށްރަށުގެ ކަރަންޓްގެ ހާލަތު އޮތީ ނުހަނު ދަށްކޮށެވެ. ބައެއް ރަށްރަށުގެ އިންޖީނުގެތައް ހުރީ ބޮލަށް ވެއްޓޭ ހާލަތުގައެވެ. އަނެއްބައި ރަށްރަށުގައި ކަރަންޓް ދިނުމަށް އިންޖީނުތައް ބަހައްޓާފައި ހުރީ ދަގަނޑު ޓިނުން ހަދާފައިވާ ފިޔަފާޅި ގަނޑެއްގެ ދަށުގައެވެ.

ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ހަވާލުވިއިރުވެސް ވަރަށް ދަށް ހާލަތުގައި ހުރި ގިނަ އިންޖީނުގެތަކެއް ހުއްޓެވެ. ފެނަކައިން ރާއްޖޭގައި، 154 އިންޖީނުގެ ހިންގަމުން ގެންދާއިރު، އޭގެ ތެރެއިން ފަސްދޮޅަހަށްވުރެ ގިނަ އިންޖީނުގެތަކުގެ ހާލަތު ވަަރަށް ދަށެވެ. މިކަމަށް ހައްލު ގެނެސް މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައި ހުރި އިންޖީނުގެތަކަށް މީހުން ދިރިނޫޅޭ އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް، ޒަމާނީ ފެންވަރުގެ އިންޖީނުގެތަކާއި، އޮފީސްތަކާއިއެކު މިއަހަރު ވަނީ އެކުންފުނިން އަމާޒުހިފި މަސައްކަތުގެ 99 އިންސައްތަ މަސައްކަތް ނިންމާލާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ޗީފް ސަރވިސް އޮފިސަރ އަތުހަރު ހަލީމް ވިދާޅުވީ، ޒަމާނީ އިންޖީނުގެތަކަށް ބަދަލު ކުރުމުގެ މަޝްރޫޢު ކާމިޔާބު ކަމާއިއެކު ނިންމާލެވުނީ ކުންފުނިން އެއްވެސް ބަހަނާއެއްނެތި ކުރި މަސައްކަތުން ކަމަށެވެ. ކޯވިޑް-19 އާއިއެކު ދިމާވި ދަތިތަކާއި، ގޮންޖެހުންތަކާއިއެކުވެސް މަސައްކަތް ނުކޮށް ހުއްޓާލައިގެން ތިބުމަކީ ހައްލެއް ނޫންކަމަށް ދެކި އަހަރުގެ ޓާގެޓަށް ވާސިލްވުމަށް ކުރި މަސައްކަތުގެ ނަތީޖާއާއި ހަމައަށް މިއަދު ވާސިލް ވެފައިވާކަމަށް އަތުހަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވެސް އިރެއްގައި ކޯވިޑަކީ ބަހަނާއެއް ކަމަށް ނުބަލަން. އަޅުގަނޑުމެންގެ ކުންފުނިން އަމާޒުހިފީ ހަވާލު ކުރެވިފައިވާ މަސައްކަތް ހަވާލުކުރި ތާރީޚަށް ނިންމުމަށް. އެކަން މިއަދު ހާސިލް ކުރެވިއްޖެ. އިރާދަކުރެވިއްޔާ އަންނަ އަހަރުގައިވެސް މިފަދަ ގިނަ މަސައްކަތްތަކެއް ނިންމުމަކީ އަމާޒެއް" އަތުހަރު ވިދާޅުވިއެވެ.

އިންޖީނުތަކުން އިވޭ ގަދަ އަޑާއި ބުރާ ދުނބުޅީގެ ސަބަބުން އާއްމުންނަށް އެތައް ގިނަ ގެއްލުންތަކަކާއި ތުރާތަކެއް ކުރިމަތިވި ނަމަވެސް މިއަދު ބަދަލުކުރެވިގެން މިދާ ޒަމާނީ އިންޖީނުގެ ތަކާއިއެކު މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އިންޖީނުގެތައް ބަދަލުކުރުމުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތައް ވެސް ފެނަކަ އިން ހިންގައެވެ.

މިދައުރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ މަޝްރޫއުގެ އެންމެ ބޮޑު ހިއްސާއެއްވެސް އަދާކުރަނީ ފެނަކައިންނެވެ. ރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށިވާ 23 ރަށުގެ ޢަމަލީ މަސައްކަތް ކުރުމަށް ކުންފުނިތަކާއި ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 16 ރަށެއްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކާއިއެވެ.

ފެނަކައިގެ އަމާޒަކީ މިމަސައްކަތް ކުންފުނީގެ ދިވެހި މުވައްޒަފުންނާއި، ކުންފުނީގެ އަމިއްލަ ވަސީލަތުގައި ކަނޑައަޅާފައިވާ ތާރީޚުތަކުގެ ކުރިން ހުރިހާ ރަށެއްގެ މަސައްކަތްވެސް ނިންމުމެވެ.