ޚަބަރު

ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަންގެ ކެނޑިޑޭޓު ނަންބަރު ތަރުތީބުކޮށްފި


ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މިއިންތިޚާބަށް ހުޅުވާލުމުން ކުރިމަތިލި ތިން ކެނޑިޑޭޓުންގެ މެދުގައިވަނީ ގުރުއަތު ނަގާފައެވެ. ބާޖަމާލުއްދީނުގައި ކުރިއަށްދިޔަ ގުރުއަތުލުމުގައި، ކެނޑިޑޭޓް ނަންބަރު އެކެއްލިބުނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީއަށް ލިބުނީ ކެނޑިޑޭޓް ނަންބަރު ދޭކެވެ. އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނަށް ލިބުނީ ކެންޑިޑޭޓް ނަންބަރު ތިނެކެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ކެންސަރު ބަލީގައި މިމަހުގެ 14 ވަނަދުވަހު ނިޔާވުމުންނެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިޚާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މިއަދު ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މޮނިޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފައެވެ.

ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.