ކުޅިވަރު

ސަސްއިން އީގަލްސް ބަލިކޮށްފި


ޕްރެޒިޑެންޓްސް ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން ކްލަބް އީގަލްސްގެ މައްޗަށް ކުރިހޯދައިފިއެވެ. ސަސްއިން ވަނީ 2 ލަނޑު 0 ލަނޑުން ކުލަބް އީގަލްސް ބަލިކޮށްފައެވެ. މިމެޗުން އީގަލްސް ބަލިވެފައިވާއިރު، މިމުބާރާތުގައި ކުލަބް އީގަލްސް ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. އެއީ ފުރަތަމަ މެޗްގައި ޓީސީ ސްޕޯޓްސް ކުލަބް އަތުން 1 ލަނޑު 0 ލަނޑުން، ދެވަނަ މެޗްގައި މާޒިޔާ އަތުން 2 ލަނޑު 1 ލަނޑުންނެވެ.

މިހާތަނަށް މިސީޒަންގައި ކުލަބް އީގަލްސްއަކަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މިދިޔަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޓް މެޗް ކުލަބް އީގަލްސްއިން ކާމިޔާބުކޮށްފައިވަނީ ލީގް ޗެންޕިއަން މާޒިޔާ ބަލިކޮށްގެންނެވެ. ޝީލްޑް މެޗް އީގަލްސްއިން ކާމިޔާބުކުރި ނަމަވެސް ސީޒަން ފެށިގެން ޕްރިމިއަރ ލީގުގައި ކުލަބް އީގަލްސްއަކަށް މާ ރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޗް ފެށުމުގެ ކުރިން ކުލަބް އީގަލްސްއިން ނެރުނު ފުރަތަމަ 11އަށްވަނީ ބަދަލްތަކެއް ގެނެސްފައެވެ. ފަހުން ޒައިން ޒަފަރުގެ ބަދަލުގައި އިމްރާން ނަޝީދު (އިންމަ)އަށް ފުރުސަތު ދިނެވެ. މިމެޗްގައި ގޯލެއް ޖެހުމަށް އެންމެ ފުރަތަމަ ފުރުސަތުވެސް ލިބުނީ އިންމައަށެވެ. އޭރިޔާގެ ތެރޭގައި ހުރެފައި ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލަން މަސައްކަތް ކުރިބޯޅަ އިންމަގެ ބޮލުގައި ލައްވާލާ ގޮތެއް ނުވިއެވެ. އޭގެ ފަހުން ސަސްގެ އަހުމަދު ނަޝާހުއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ނުހިފުނުއިރު، މިމެޗްގައި ކުލަބް އީގަލްސްއިންވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. މެޗްގައި ސަސްއިން ލީޑުނެގީ މެޗްގެ 34ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަތީގެވެ. އަތީގުގެ ހަމަލާ ގޯލަށް ވަދެފައިވަނީ ކުލަބް އީގަލްސްގެ ގޯލް ކީޕަރު މުޙައްމަދު ތޯހާގެ އަތުގައި ޖެހިފައެވެ.

މެޗްގެ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅުގައި ސަސްއިން ވަނީ ގޯލެއް ޖަހައި ލީޑް ފުޅާކޮށްފައެވެ. މިގޯލް ސަސް އަށް ކާމިޔާބުކޮށްދިނީ ޔަސްފާދު ހަބީބެވެ. މެޗްގެ ދެވަނަ ހާފްގައި ކުލަބް އީގަލްސްއިންވަނީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަހުމަދު ރިޒްވާން ކުޅެން އަރުވާފައެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުލަބް ވެލެންސިޔާއާއި ދެކޮޅަށް ކުޅެނިކޮށް ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރެފައި ކުޅުނު ފުރަތަމަ މެޗެވެ.

ސަސްއިން ދެ ގޯލްގެ ލީޑެއް ނެގިފަހުން އެޓީމުން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. އެއާއެކު އީގަލްސްއިން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ. އެގޮތުން މެޗްގެ 64ވަނަ މިނެޓްގައި އީގަލްސްގެ ހަސަން ރާއިފަށް ސަސްގެ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަވަނީ ސަސްގެ ކީޕަރު ޝަފީއު ދިފާޢުކޮށްފައެވެ. އަދި މެޗް ނިމެން 10 މިނެޓަށްވެފައިވަނިކޮށް އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއުއަށް ލިބުނު ފުރުސަތުގެ ބޭނުންވެސް އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގައި އީގަލްސްއިން ގޯލެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ.