ޚަބަރު

ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގަންނަވަނީ


ޗައިނާގެ ފޮރިން މިނިސްޓަރ އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ އަންނަ މަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުކަމަށެވެ. ޗައިނާ ފޮރިން މިނިސްޓަރ ރާއްޖެއަށް ވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިދިޔަ މަހު ޗައިނާއަށް ކުރެއްވިި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށެވެ.

މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއިވެސް ޗައިނާގެ ފޮރިން މިނިސްޓަރު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާއާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރު 50 އަހަރު ފުރޭތީ އެކަން ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތު ތަކުގައިވެސް ޗައިނާގެ ފޮރިން މިނިސްޓަރ ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައި، ޗައިނާއިން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.