ރާއްޖޭގެ ޤަދީމީ ތާރީޚާއި ތަރިކަ ހިމާޔަތްކޮށް ޖީލުން ޖީލަށް ފޯރުކޮށްދިނުމަށް ތަފާތު މަސައްކަތްތައް ކުރެވެއެވެ. ދިވެހިންގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަމުގެ ނަމޫނާތައް އަދުގެ ޒުވާނުންނަށް ފެންނާނެ ގޮތްތައް ހެދުމަށްވެސް ތަފާތު ވިސްނުންތައް ތަޢާރަފްކުރަމުންދެއެވެ.
ތިލަދުންމަތީ އުތުރުބުރީގެ ހިތްގައިމު ރަށްރަށުގެ ރަށްބޭރުން ދަތުރުކޮށްފައިދާއިރު ތާރީޚާއި ތަރިކައިގެ އެކި މަންޒަރުތައް މަލަމަތިން ފެނެއެވެ. ދިވެހި ބަޠަލުން ދިރިއުޅުއްވި ގަނޑުވަރުތަކާއި، އިހު އެވޭލާ ޒަމާނުގައި ހަނގުރާމައިގެ މަރުކަޒުތައް ޤާއިމުކުރި ތުނޑިތަކާއި، ތާރީޚީ ހާދިސާތަކާ ގުޅިފައިވާ ބިޔަ ގަސްތަކާއި ބައްތިތައްވެސް ހިމެނެއެވެ. ރާއްޖޭގެ ވެރިރަށް މާލެއިން ފެންނަ މަންޒަރެއް ހަމަ އެގޮތަށް އަތޮޅު ތެރޭގެ ރަށަކުން ފެނުމަކީ ތަފާތުކަމަކަށްވާނެއެވެ.
އެގޮތުން މިއީ މާލޭ ހުކުރު މިސްކިތްކަމަށް ހީވެދާނެއެވެ. ނަމަވެސް މިއީ މާލޭގެ މަންޒަރެއް ނޫނެވެ. އަދި މިއީ މާލޭގެ ބިނާއެއްގެ މަންޒަރެއްވެސް ނޫނެވެ.
މިއީ ހިޖުރައިން 1066 ވަނަ އަހަރު އައްސުލްޠާން އިބްރާހިމް އިސްކަންދަރު އެކެއް، ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުންގެ އަތްޕުޅުން ބިންގާ އަޅުއްވައިދެއްވި މާލޭގެ ހުކުރު މިސްކިތް ނަކަލު ކޮށްގެން ބިނާކޮށްފައިވާ މިސްކިތެކެވެ.
މިސްކިތުގެ މުންނާރަކީވެސް މާލޭ ހުކުރު މިސްކިތުގެ މުންނާރު ނަކަލުކޮށްގެން ބިނާކޮށްފައިވާ މުންނާރެކެވެ. މިއީ ހެޔޮ އެދޭ ފަރާތަކުން އުލިގަމުގައި ބިނާކޮށްފައިވާ މަސްޖިދުލް މޫސާ ޢަލީއެވެ.
"މިރަށަކީ ފަތުރުވެރިން އަންނަ ރަށަކަށްވެފައި، އަދި އޭގެ އިތުރުން ސިޓީ ހޮޓާ ތަރައްޤީ ކުރެވެމުންދިޔަ ދުވަސްވަރަކީ ޗަންޕާ ހުސެއިން އަފީފް އެމް.ޓީ.ޑީ.ސީ ގެ ޗެއަރމަނަކަށް ހުންނެވި ދުވަސްވަރު. އެހެންވެ އަފީފް ވަރަށް ބޮޑަށް އިސްކަމެއް ދެއްވި އުލިގަމުގައި ފަތުރުވެރިންނަށް ދެއްކުމަށްޓަކައި އާސާރީ ތަނެއް ހުންނަން. އެގޮތުން މާލޭ ހުކުރު މިސްކިތުގެ ޑިޒައިނާއި އެއްގޮތަށް މިމިސްކިތް ހެދިގެން ދިޔަ ސަބަބަކީ." މާލޭގެ ހުކުރު މިސްކިތް އަސްލަކަށް ބަލައިގެން އުލިގަމުގައި މިސްކިތެއް ބިނާކުރެވުނު ސަބަބާއި ގުޅޭގޮތުން އުލިގަމު ކައުންސިލްގެ ރައީސް އަޙްމަދު މުޢާޒް ވިދާޅުވިއެވެ.
އުލިގަމު ހުކުރު މިސްކިތުގެ މުންނާރުގެ ވަށައިގެން ހިނގައި ބަލައިލިޔަސް މާލޭ ހުކުރު މިސްކިތު މުންނާރާ މާ ބޮޑު ތަފާތެއް ނުފެންނާނެއެވެ. މާލޭ ހުކުރު މިސްކިތު މުންނާރުގެ ބަންދުތަކާ، ކުލަތަކާވެސް ވަރަށް އެއްގޮތެވެ. އަދި މުންނާރުގައި ކަނޑާ ނަގާފައިވާ އަކުރުތައްވެސް އެހާމެ ވައްތަރެވެ. މިއީ މާލޭ ހުކުރު މިސްކިތުގެ މުންނާރު ސިފަވާ މިންވަރަށް އަސްލާ އެއްގޮތަށް ބިނާކޮށްފައިވާ މުންނާރެކެވެ.
މިސްކިތަށް ނަޒަރު ހިންގާލާއިރު ގަލުވަޑާމުގެ މަސައްކަތްވެސް މާލޭ ހުކުރު މިސްކިތުގައި ބޭނުންކޮށްފައިވާ ގޮތަށް ބޭނުންކޮށްފައިވެއެވެ. ބަލާ މީހުންގެ ލޮލަށް އަސްލާ އެއްގޮތްކަން ދެއްކުމަށް މިސްކިތުގެ ފުރާޅާއި މިސްކިތުގެ ފާރުތަކުގައި ބޭނުންކޮށްފައިވާ ކުރެހުންތައްވެސް ފަރުމާކޮށްފައިވަނީ ވަރަށް ފުރިހަމައަށެވެ.
މިއީ ޖާގައިގެ ގޮތުންވެސް ތަނަވަސް މިސްކިތެކެވެ. މިސްކިތުގެ އެތެރޭގައި އަށް ސަތޭކަ މީހުންގެ ޖާގަ ހުންނައިރު މިސްކިތުގެ ވަށައިގެން ތައްޔާރުކޮށްފައިވާ ފެންޑާ ސަރަހައްދުގައިވެސް މީހުންނަށް ނަމާދުކުރެވޭނެއެވެ.
އުލިގަމުގެ ރައްޔިތުންނަށް މި މިސްކިތަކީ ވަރަށް ޚާއްސަ މިސްކިތެކެވެ. އަދި ރަށުގެ ޒުވާނުންނަށް ދިވެހިންގެ މަސައްކަތްތެރިކަމާ ފަންނުވެރިކަން ފެންނަން ހުރުމަކީވެސް މި މިސްކިތާމެދު ރައްޔިތުންގެ ހިތުގައި ޚާއްސަ ލޯތްބެއް އޮންނަ ސަބަބެކެވެ.
ރާއްޖޭގެ ކަންކޮޅުތަކަށް ހޯމްސްޓޭ ފަތުރުވެރިކަމާ ގެސްޓުހައުސް ވިޔަފާރި ފުޅާވަމުން އަންނަ ދުވަސްވަރެއްގައި މި މިސްކިތާ މިސްކިތުގެ މުންނާރުވެސް ފަތުރުވެރިންނަށާއި، މިރަށަށް ޒިޔާރަތްކުރާ މީހުންނަށް ޝަޢުޤުވެރި އަދި ވަރަށް ޚާއްސަ ތަންތަނަކަށް ވާނެއެވެ.
އުލިގަމު ކައުންސިލުން މި މިސްކިތާ މިސްކިތުގެ މުންނާރު ސިފަކުރަނީ އުލިގަން ޕްރޮމޯޓުކުރުމަށް ބޭނުންކުރެވޭ ލޭންޑް މާކެއްގެ ގޮތުގައެވެ.