ޚަބަރު

އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ޚާއްސަ ދުވުމެއް ބާއްވައިފި


އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ހޯމް މިނިސްޓްރީއާއި، ރަން ފޯ މޯލްޑިވްސް ގުޅިގެން ޚާއްސަ ދުވުމެއް ބާއްވައިފިއެވެ.

މިއަދު ހަވީރު މާފަންނު ޓްރެކް ސަރަހައްދުގައި ބޭއްވި މި ދުވުން ފެށުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، އެއްބައިވަންތަ ކަމަކީ އެންމެން ގުޅިގެން އެކުލެވޭ ބަދަހި ގުޅުމެއްކަމަށެވެ. މިނިސްޓަރ ވަނީ މިދުވުން އިންތިޒާމު ކުރުމުގައި ރަން މޯލްޑިވްސް އިން މިނިސްޓްރީއާއި ގުޅިގެން ކުރެއްވި މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

މިދުވުމަކީ އަތޮޅު ތެރޭގެ ރަށްރަށުގެ ރައްޔިތުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބޭއްވި ދުވުމެކެވެ. މިދުވުމުގައި 500 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. މިދުވުމުގައި ކޮންމެ ބައިވެރިއަކުވެސް 5 ކިލޯ މީޓަރަށް ދުވުމަށް ވަނީ ހަމަޖެހިފައެވެ.

ސުނާމީ ކާރިޘާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރީތި ނަމޫނާ ފާހަގަކޮށް، އެހަނދާން އާކުރުމުގެ ގޮތުން 2005ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައެވެ.