އެއްބަސްވުން އުވާލާ މަސައްކަތް ހުއްޓި 8 އަހަރުވެފައިވާ ފުލުހުންގެ "ޕޮލްކޯ" ފްލެޓްތައް، 8 މަސްދުވަހުގެ މުއްދަތުގައި ނިންމުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިއީ 2013ވަނަ އަހަރު ޢަމަލީ މަސައްކަތް ފެށި މަޝްރޫޢެކެވެ.
ފުލުހުންނާއި ސިފައިންނަށް ޚާއްސަކޮށްގެން 691 އެޕަރޓްމަންޓްގެ 3 ޓަވަރު އެޅުމަށް ހަވާލުކުރީ 2013ވަނަ އަހަރުއެވެ. މީގެ ޢަމަލީ މަސައްކަތް އޭގެ އަނެއް އަހަރުވަނީ ފަށާފައެވެ. ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވަނިކޮށް، މި މަސައްކަތުގެ ކޮންޓްރެކްޓަރ "ނޫމަޑި"އާއެކު ވެފައިވާ އެއްބަސްވުން އޭރުގެ ސަރުކާރުން އުވާލީ މާލީ ދަތިކަމުގެ ސަބަބުން ކަމަށް ބުނެ 2016ވަނަ އަހަރުއެވެ. ފްލެޓް ލިބޭ ސިފައިންނާ ފުލުހުންގެ ލިސްޓުވެސް އޭރު އޮތީ އާއްމުކޮށްފައެވެ.
އޭގެ ފަހުން ފާއިތުވި 5 އަހަރުވެސް އެ ފްލެޓްތަކުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ލަސްވެ އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާއާ އަދި ރައްޔިތުންގެ މަޖިލީހަށްވެސްވަނީ ހުށައަޅާފައެވެ. ފްލެޓްތަކަށް ޑައުން ޕޭމަންޓް ދެއްކުމަށް، ފްލެޓް ލިބުނު މީހުން ބޮޑެތި އަދަދުތަކުން ލޯން ނަގާފައިވުމުގެ ކަންބޮޑުވުންވެސް އެ ފަރާތްތަކުން ފާޅުކޮށްފައިވެއެވެ. އަދި ލޯނުގެ ގްރޭސް ޕީރިއަޑް ހަމަވެ، ލޯނު އަދާކުރަންޖެހުމުން މާލީ ޙާލަތު ދައްވެފައިވާކަމުގެ ޝަކުވާތައްވެސް ހުށައަޅާފައިވެއެވެ. މިކަމާ ގުޅިގެން މިމައްސަލަ ސަރުކާރުން ބަލާ، ފްލެޓްތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައިދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުވަނީ ވިދާޅުވެފައެވެ.
ދިގު އިންތިޒާރަކަށްފަހު މިހާރު މިވަނީ ފުލުހުންގެ "ޕޮލްކޯ" ފްލެޓްތަކުގައި ނުނިމި ހުރި ހުރިހާ މަސައްކަތްތައް 8 މަސްތެރޭގައި ނިންމުމަށް ބަޔަކާވަނީ ހަވާލުކޮށްފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިކަމުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ފުލުހުންގެ 361 ހައުސިންގ ޔުނިޓްގެ ފިނިޝިންގ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މިޔުނިޓްތަކަކީ 1100 އަކަފޫޓުގެ ޔުނިޓްތަކެކެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މިމަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 274.5 މިލިއަން ރުފިޔާއަށެވެ.
ހުޅުމާލެ ފޭސް 1ގައި އިމާރާތްކޮށްފައިވާ ތިން ޓަވަރުގައި ހިމެނެނީ 12 ބުރީގެ އިމާރާތަކާއި، 14 ބުރީގެ ދެ އިމާރާތެވެ. 2016ވަނަ އަހަރުގެ އެއްބަސްވުން ބާތިލްކުރިއިރު ތިން ޓަވަރުގެވެސް %50 އަށްވުރެ ގިނަ މަސައްކަތްވަނީ ނިންމާފައެވެ.