ޚަބަރު

"ސަން ކޮރަލް މޯލްޑިވްސް" ކޮނޑޭގެ ފުރަތަމަ ގެސްޓްހައުސް


ގއ.ކޮނޑޭގައި ހުޅުވި ފުރަތަމަ ގެސްޓްހައުސް "ސަން ކޮރަލް މޯލްޑިވްސް" ހުޅުވައި ފުރަތަމަފަހަރަށް އެރަށުން ފަތުރުވެރިންނަށް މަރުޙަބާކިޔައިފިއެވެ.

މިއީ ލޯކަލް ޓޫރިޒަމްގެ އިންތިޒާރުގައި ތިބި ކޮނޑޭގެ ރައްޔިތުންނަށް ލިބިގެންދިޔަ އުފާވެރިކަމެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކޮނޑޭ "ސަން ކޮރަލް މޯލްޑިވްސް"އިން ބުނީ، މިއީ 6 އަހަރު ދުވަހުގެ ދިގު އިންތިޒާރަކަށް އައި ނިމުމެއްކަމަށެވެ. "ސަން ކޮރަލް މޯލްޑިވްސް" އަކީ 4 ކޮޓަރީގެ ގެސްޓްހައުސްއެކެވެ. ގެސްޓްހައުސް ހަދާފައިވަނީ އެއްވެސް ލޯނެއް ނުނަގައި އަމިއްލަ މަސައްކަތުންކަމަށް ސަން ކޮރަލް މޯލްޑިވްސްއިން ބުނެއެވެ.

"6 އަހަރުތެރޭ، ދެން އިއްޔެގަ އެއޮތީ ޓާގެޓަށް ވާސިލްވެފައި. އިއްޔެގަ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކީ. ޗެކް ރިޕަބްލިކްގެ ފަތުރުވެރިއެއް އެއައީ." ސަން ކޮރަލް ގެސްޓްހައުސްއިން ބުންޏެވެ.

ކޮނޑެއަށް އައި ފުރަތަމަ ފަތުރުވެރިންގެ ގްރޫޕަށް މަރުޙަބާ ކިޔާފައިވަނީ ދިވެހި ހެދުންލައިގެން ދިވެހި ވަންތަ ގޮތަކަށެވެ. ސަން ކޮރަލް ގެސްޓްހައުސްއިން ބުނީ ފަތުރުވެރިންނަށް މަރުޙަބާކިޔުމަށް ރަށު ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބުނުކަމަށެވެ.

ކޮނޑޭގައި ގެސްޓްހައުސް ވިޔަފާރިކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުކުރުމުގައި ހުރި ދަތިތައްކަމަށް ސަން ކޮރަލް މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ. މާލެއާ ދުރުވުމާއި ރަށާއި ކައިރީގައި އެއަރޕޯޓެއް ނެތުމުގެ ސަބަބުން ދިގު ދަތުރެއް ކުރަންޖެހޭކަމަށް އެގެސްޓްހައުސްއިން ބުންޏެވެ. "ސަން ކޮރަލް މޯލްޑިވްސް" ގެސްޓްހައުސްއިން ބުނީ އެގެސްޓްހައުސް ހުޅުވުމުގެ ސަބަބުން ރަށައް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.

"މި ގެސްޓްހައުސް ހުޅުވުމުގެ ސަބަބުން ގެސްޓްހައުސްއަށް އަދި މުޅި ރަށައް ބައިވަރު ފައިދާތަކެއް ކުރާނެ. މިހާރު ދެން މާކެޓްގައި މިރަށް އިސްތިހާރުވީމަ ކޮންމެ މީހަކަށްވެސް ނުސީދާގޮތުންވެސް އެކިއެކި ފައިދާތަކެއް ލިބޭނެ. ވިޔަފާރިތަކަށްވެސް، ރެސްޓޯރަންޓްތަކަށްވެސް." ކޮނޑޭ ސަން ކޮރަލް ގެސްޓްހައުސް އިން ބުންޏެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކޮނޑޭ ކައުންސިލްގެ ނައިބު ރައީސް، ނަޞްރު މުޙައްމަދު ދީދީ ވިދާޅުވީ، އެރަށުގައި ލޯކަލް ޓޫރިޒަމް ފަށަން ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އެގޮތުން ގެސްޓްހައުސް ރަޖިސްޓަރ ކުރުމާއި މޮނިޓަރ ކުރުމާއި، ސަރުކާރުގެ ފަރާތުން ނަގަންޖެހޭ ހުއްދަތައް ނެގުމާއި ކައުންސިލްގެ އެއްބާރުލުން ލިބޭނެކަން އޭނާ ވިދާޅުވިއެވެ.

ކޮނޑެއަކީ ބިންބޮޑު ލޯކަލް ޓޫރިޒަމް ފުޅާކުރެވޭނެ ރަށެއްކަން ފާހަގަކުރައްވައި ނަޞްރު ވިދާޅުވީ، އަންނަ އަހަރު އެރަށުން ލޯކަލް ޓޫރިޒަމްއަށް 4 ހެކްޓަރުގެ ބިން ދޫކުރަން މިހާރު ހަމަޖެހިފައިވާކަށެވެ. އަދި ފަތުރުވެރިން މޫދަށް އެރެން ޚާއްސަ ސަރަހައްދެއް ކަނޑައަޅާނެކަމަށްވެސް އޭނާ ވިދާޅުވެއެވެ. ނަޞްރު ވިދާޅުވީ، ކޮނޑޭގައި ހޯމް ސްޓޭ ފަތުރުވެރިކަން ފަށަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ކައުންސިލުން ހުޅުވާލާނެކަމަށެވެ.

"މިހާރު ރަށުގައި އެބަތިބި ހޯމް ސްޓޭ ކެޓަގަރީއަށް ފިޓުކުރެވޭނެ ގެތައް ނުވަތަ ރޫމުތައް. ކައުންސިލްގެ އަމާޒު އެބަހުރި އެކަމަށް. ކައުންސިލުން އެ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހޯމް ސްޓޭއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާނަން." ނަޞްރު ވިދާޅުވިއެވެ.

ކޮނޑޭގައި ހުޅުވި ފުރަތަމަ ގެސްޓްހައުސްއާއެކު އެރަށައް އިޤްތިޞާދީގޮތުންވެސް ގިނަ ފައިދާތަކެއް ލިބޭނެކަމަށް ކައުންސިލުން ޤަބޫލުކުރެއެވެ.