ޚަބަރު

2021އާއި 2022ގައި އިތުރުވާ ރެމިޓެންސްގެ %63 އޭޝިޔާ ޕެސިފިކުން


ޤައުމުން ބޭރުގައި މަސައްކަތްކުރާ ފަރާތްތަކުން އޭޝިޔާ ސަރަޙައްދުގައި ހިމެނޭ ޤައުމުތަކަށް ރެމިޓެންސްގެ ގޮތުގައި ފޮނުވާ ފައިސާގެ މިންވަރު 2020ވަނަ އަހަރު ދަށަށް ދިއުމަށްފަހު 2021އާއި 2022 މި ދެއަހަރުވެސް މަތިވާނެކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން ހާމަކޮށްފިއެވެ.

އޭޑީބީން ހާމަކުރާގޮތުން މިއަހަރާއި ކުރިއަށްއޮތް އަހަރު ބޭރުޤައުމުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ރެމިޓެންސްގެ ގޮތުގައި ޖަމާކުރާ ފައިސާ ދުނިޔޭގެ ނިސްބަތުން އިތުރުވާނެކަމަށް ބެލެވޭ މިންވަރުގެ %63.4 ޙިއްސާކުރާނީ އޭޝިޔާ ޕެސިފިކް ސަރައްޙައްދުގެ ޤައުމުތަކެވެ. އެގޮތުން އެ ސަރަޙައްދަށް ފައިސާ ފޮނުވާ މިންވަރު މިއަހަރު %6.7 އިތުރުވާނެކަމަށް ލަފާކުރާއިރު، އަންނަ އަހަރު %5.9ގެ އިތުރުވުމެއް އަންނާނެކަމަށް ލަފާކޮށްފައިވެއެވެ.

އަންގާރަދުވަހު އޭޑީބީން ނެރުނު ރިޕޯޓުތައް ބުނާގޮތުން މިދިޔައަހަރު އޭޝިޔާ ޕެސިފިކް ސަރަޙައްދުގައި ހިމެނޭ 45 ޤައުމަށް ރެމިޓެންސްގެ ގޮތުގައި އެތެރެވި ފައިސާގެ ޢަދަދު 314 ބިލިއަން ޑޮލަރަށް އަރައެވެ. އަދި މި ސަރަޙައްދުގައި ރެމިޓެންސް އިތުރުވެގެންދާނެކަމަށް ބެލެވެނީ މިއަހަރު 21.2 ބިލިއަން ޑޮލަރު އަދި އަންނަ އަހަރު 19.8 ބިލިއަން ޑޮލަރުކަމަށް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ ނިޞްބަތުން ރެމިޓެންސް އިތުރުވެގެންދާނެކަމަށް ލަފާކޮށްފައިވާ ޖުމުލް ޢަދަދަށް ބަލާއިރު މިއަހަރު 34 ބިލިއަން ޑޮލަރު އަދި އަންނަ އަހަރު 30.7 ބިލިއަން ޑޮލަރު އިތުރުވެގެންދާނެކަމަށް ރިޕޯޓުތަކުން ދައްކައެވެ.

އޭޝިއާ ޕެސިފިކް ސަރަޙައްދަށް އިތުރަށް ޖަމާވާނެކަމަށް ބެލެވޭ ރެމިޓެންސް ފައިސާގެ ގާތްގަނޑަކަށް %60 އަންނާނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން ކަމަށާއި، މި ފައިސާގެ ގާތްގަނޑަކަށް %30، މެދުއިރުމަތީގެ ޤައުމުތަކުންވެސް އަންނާނެކަމަށް އޭޑީބީން ބުނެއެވެ.