ޚަބަރު

ވޫލް އެތެރެކުރުމަށް ޗައިނާއިން ދޫކޮށްފައިވާ ކޯޓާ އިތުރުކޮށްފި


އޮސްޓްރޭލިއާއިން އެކްސްޕޯޓުކުރާ ވޫލް އެތެރެކުރުމަށް ކަނޑައަޅާފައިވާ އިމްޕޯރޓް ކޯޓާ، އަންނަ އަހަރަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް ޗައިނާ ސަރުކާރުން ހާމަކޮށްފިއެވެ.

ޗައިނާގެ އިޤްތިޞާދާބެހޭ ވުޒާރާއިން ބުދަ ދުވަހު ހާމަކުރެއްވިގޮތުގައި އޮސްޓްރޭލިއާއިން ވޫލް އެތެރެކުރުމަށް ދޫކޮށްފައިވާ ކޯޓާ، މިއަހަރަށްވުރެ 2022ވަނަ އަހަރަށް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ކުރިން އެތެރެކުރަމުން އައި 38،288 ޓަނުގެ ބަދަލުގައި އަންނަ އަހަރު 40،203 ޓަނުގެ ވޫލް އެތެރެކުރެވޭނެކަމަށް އިޤްތިޞާދާބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.

ޗައިނާއިން އެކި ޤައުމުތަކުން އެތެރެކުރާ އެހެނިހެން ތަކެއްޗަށް ދޫކޮށްފައިވާ އިމްޕޯޓު ކޯޓާއަށް ބަލާއިރު، ގޮދަނުގެ ބާވަތްތައް އެތެރެކުރުމަށް ދޫކޮށްފައިވާ ކޯޓާ މިއަހަރެކޭ އެއްގޮތަށް ބަދަލެއް ނުގެނެސް 2022 ގައިވެސް ދެމެހެއްޓުމަށް ނިންމާފައިވާކަމަށް އެޤައުމުގެ ރަސްމީ އިދާރާތަކުން މީގެކުރިން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން 10 މިލިއަނާ ގާތްކުރާ ޢަދަދަކަށް ގޮދަން އެތެރެކުރުމަށް ކޯޓާ ދޫކޮށްފައިވެއެވެ. އަދި 894،000 ޓަނުގެ ކަފަ އެތެރެކުރުމަށްވެސް ކޯޓާ ވަނީ ދޫކޮށްފައެވެ.