ޚަބަރު

ފިލިޕީންސް ނަރުހުގެ މަރު: ތުހުމަތު ކުރެވޭ 2 މީހުންނަށް ދަޢުވާކުރަން ޕީޖީއަށް


އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާއާއި، ދިވެހި އަންހެން މީހާގެ މައްޗަށް ދަޢުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަޙްމަދު ޝަފީއު ވިދާޅުވީ، މިމައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް މިމަހުގެ 26ވަނަ ދުވަހު ޕީޖީއޮފީހަށް ފޮނުވާފައިވާކަމަށެވެ. މިމައްސަލާގައި ޕީޖީ އޮފީހުން އަންނަ މަހުގެ 4ވަނަ ދުވަހުގެކުރިން ގޮތެއް ނިންމާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރުވި ފިލިޕީންސްގެ އަންހެންމީގެ މަރުގެ މައްސަލަ ފުލުހުން ތަޙުގީގުކުރަންފެށީ، އެޙާދިސާއާ ގުޅިގެން އަދަޔާ ޚިލާފައި ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ. މަންޒަރުދުށް ބައެއް މީހުން ބުނިގޮތުގައި، އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެނެސްފައިވަނީ އޭނާގެ ފިރިމީހާއެވެ. މި މައްސަލައާ ގުޅިގެން އެންމެ ބޮޑަށް ޝަކުކުރެވެނީވެސް ނަރުސްމީހާގެ ފިރިމީހާއަށެވެ. އޭނާވެސް މަސައްކަތް ކުރަމުންދިޔައީ އައިޖީއެމް ހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުގައެވެ.

މިމައްސަލާގެ ތުހުމަތުގައި ހައްޔަރު ކުރެވުނު އައިޖީއެމްއެޗްގެ ނަރުހެއްގެ ވަޒީފާ އަދާކުރަމުންދާ 24 އަހަރުގެ އަންހެން މީހާ ހައްޔަރުކުރީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ތަހުގީގް ކޮށްފައިވަނީ ނަރުސް އަންހެން މީހާގެ މަރުގެ ހަގީގަތް ސިއްރުކޮށް ދޮގު މައުލޫމާތުދިންކަމުގެ ތުހުމަތުގައެވެ.

މަރުވެގެން އަންހެން މީހާ ހޮސްޕިޓަލަަށް ގެންދިޔައިީ، ޑިއުޓީގައި ހުރުމަށްފަހު ގެއަށް ބްރޭކަށް ދިޔަތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ހޮސްޕިޓަލަށް އަންހެން މީހާގެ ހަށިގަނޑު ގެންދިޔަވަގުތުގަވެސް އޭނާގެ ފިރިމީހާގެ ކިބައިން އާދަޔާ ޚިލާފަ ކަންކަތައްތަކެއް ފާހަގަކުރެވުނުކަމަށް އެވަގުތު އެތާތިބި ބައެއް މީހުން ބުނެފައިވެއެވެ.

އަދި މައްސަލަ އިތުރަށް ތަޙުޤީގުކުރުމަށް، އަންހެން މީހާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާ ޕޯސްޓްމޯޓަމްވެސް ހަދާފައިވެއެވެ. ޕޯސްޓްމޯޓަމަށްފަހު ފުލުހުން ބުނެފައިވަނީ އަންހެން މީހާ މަރުވެފައިވަނީ މީހަކުދިން އަނިޔާއަކުންކަން ހާމަވެފައިވާކަމަށެވެ. ތަޙުގީގަށްފަހު އަންހެން މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހުއެވެ.